މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ގޮތަށް 39 މިލިއަން ރުފިޔާއަށް އަމީނީމަގު ހަދަން އެއްބަސްނުވީ އެ އަގުގައި ފެންވަރު ރަނގަޅު ތާރާއެކު މަގު ނުހެދޭނެތީ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ އާދިއްތަ ދުވަހު އަމީނީ މަގު ހެދުމުގެ މަސައްކަތް 84،414،546.83 ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްފައެވެ.

އެކަމާ ގުޅިގެން ޑރ. މުއިއްޒު އިއްޔެ ވިދާޅުވެފައިވަނީ، ސިޓީ ކައުންސިލާއެކު އަމީނީ މަގު ހެދުމުގެ އެއްބަސްވުމެއް އޮތްއިރު އަލުން އާރްޑީސީއާ ހަވާލު ނުކުރެވޭނެ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން ހުށަހެޅި އަގަށްވުރެ ބޮޑުކޮށް އަލުން އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިއެވެ.

ސިޓީ ކައުންސިލާއެކު އަމީނީ މަގު ހެދުމުގެ އެއްބަސްވުމެއް ނޯންނާނެ ކަމަށް މޫކޭ ޓުވިޓާގައި ވިދާޅުވުމުން ޑރ. މުއިއްޒު ވަނީ އެއްބަސްވުމެއްގެ ލިޔެކިޔުން ޓުވީޓު ކުރައްވައިފައެވެ.

ޕްލޭނިން މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޫކޭ ވިދާޅުވީ، 39 މިލިއަން ރުފިޔާއަށް ރަނގަޅު ފެންވަރެއްގައި އަމީނީ މަގު ނުހެދޭނެ ކަމަށް ޑރ. މުއިއްޒު ކައިރީގައި ވިދާޅުވެފައިވާނެ ކަމަށެވެ.

މޫކޭ ވިދާޅުވީ، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސިޓީ ކައުންސިލާއެކު 2019 ވަނަ އަހަރުވެފައިވާ އެއްބަސްވުމުގައި އަމީނީ މަގު ނޯންނާނެ ކަމަށާއި އަދި އަމީނީ މަގު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމެއްވާނަމަ ހާމަކުރުމަށް އެދޭ ކަމަށް ވެސް ވިދާޅުވިއެވެ.

"މި ކައުންސިލުން އައިސް ހުވާކުރިތާ ދެ ވަނައަށްވީ ދުވަހު އަޅުގަނޑުމެން ކައުންސިލަށް ހާޒިރުކުރީ. ހާޒިރުކޮށްފައި މޭޔަރު ވިދާޅުވީ، ތިމަންނަ ބޭނުންވަނީ މިޕްރޮޖެކްޓް ނަމަ ޕްރޮޖެކްޓުގެ ސްކޯޕާ ހުރިހާ އެއްޗެއް ބަދަލުކުރާށޭ. ދެން އަޅުގަނޑު ދެންނެވިން ބޭނުމަކީ ކޮބައިތޯ. ދެން ވިދާޅުވި ތިމަންނަމެން ބޭނުންވާ ގޮތަށް މިކަން ނުކޮށްފިއްޔާ އެހެން ބަޔަކު ހޯދާފައި އެހެން ބަޔަކާ މަސައްކަތް ހަވާލުކުރާނީއޭ. ދެން ފަހަރެއްގެ ވެދާނެ ބިރެއް ދައްކާލުން ކަމަށް ނޫނީ އެހެން ބޭނުމެއްގައި ނޫނީ ހަމަ އަސްލަށް ވެސް މޭޔަރު ބޭނުންވާ ގޮތަކަށް ބަދަލެއް،" މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ، މާލޭގައި ކުރިއަށް ގެންދިޔަ ގިނަ ޕްރޮޖެކްޓްތައް ކައުންސިލުން އަންގައިގެން ހުއްޓާލަން ޖެހުނު ކަމަށެވެ. މި ކައުންސިލުގެ އެއްބާރުލުމާއެކު ނިންމާލެވުނީ ރޯޝަނީ މަގު ކަމަށާއި އެ މަގުގެ މަސައްކަތް ކުރަމުންދިޔަ އިރުވެސް ޑިޒައިން ބަދަލުކޮށް ތަފާތު އެކި އުދަގޫތައް ކައުންސިލުން ކުރި ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ އަމީނީ މަގު ހެދުމުގެ އެއްބަސްވުމެއް އޮތް ކަމަށް ޑރ. މުއިއްޒު ވިދާޅުވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށާއި ނަމަވެސް އަމީނީ މަގުގެ ހެދުމުގެ މަސައްކަތް ކުރަން ޕްލޭނިން މިނިސްޓްރީން ކައުންސިލަށް އަންގާތީ އެކަމުގެ މަޝްވަރާއަށް ޑރ. މުއިއްޒުއާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ.

"ދެން އަޅުގަނޑަށް ދިން ބަޖެޓަކީ 40 މިލިއަނަށްވުރެ ބޮޑު ނުވާނެހެން މި މަސައްކަތް ކުރިއަށް ގެންދާށޭ. ދެން އަޅުގަނޑުމެނަށް ވެސް މީގެ އަގުތަކާ އެއްޗެހި ކޮންމެވެސް ވަރަކަށް އެނގޭ. އެއިރުގަވެސް އަޅުގަނޑު މުއިއްޒުއަށް ވަރަށް ސާފުކޮށް ދެންނެވިން، ސްޓޯމް ވޯޓާ މެނޭޖްމެންޓް ސިސްޓަމާއި ޑީވޯޓަރިންއާ މި ހުރިހާ އެއްޗެއް ފުރިހަމަވެގެން ނޫނީ ރައްޔިތުންނަށް ދިމާވެގެން މިއުޅޭ މައްސަލަ ހައްލުނުވާނެ. އެއީ ފެންބޮޑުވުމުގެ މައްސަލައާ މިކަންކަން ހައްލުވެގެންދާނީ އާ ނެޓްވޯކެއް އެޅިގެން ނޫންހެއްޔޭ. ވިދާޅުވި ތިމަންނަ އަޅާފައި ހުންނާނެ ނެޓްވޯކެއް، ދެން އެ ރަނގަޅޭ މަދު ދުވަހަކު ނޫންހޭ ފެންބޮޑުވަނީ ދެން ރައްޔިތުންގެ ޝަކުވާ ވެސް އެ އަންނަނީ އަހަރެއްގެ ނިސްބަތުން ބަލާއިރު ވަރަށް މަދު ދުވަހެއްގައޭ،" މޫކޭ ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީއާއެކު ހަދައިފައިވާ އެއްބަސްވުމުގައި ކޮރަޕްޝަން ހިމެނޭ ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ކަމެއް ފާހަގަވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެދޭ ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ ޕްލޭނިން މިނިސްޓްރީއާއެކު އަމީނީ މަގު ހެދުމުގެ އެއްބަސްވުމުގައި އާރްޑީސީން ސޮއިކުރުމަކީ ސިޓީ ކައުންސިލާ ބެހެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮރަޕްޝަންގެ ވާހަކަ ދައްކަވަނީ އަމީނީ މަގު ހެދުމުގެ މަސައްކަތަށް ހުރަސްއަޅަން ކަމަށް މޫކޭ ވިދާޅުވިއެވެ.

މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ މާލެ ސިޓީ ކައުންސިލުން އާރުޑީސީއާ ދެމެދު 2019 ވަނަ އަހަރު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަމުން އަންނަ މަޝްރޫއެކެވެ. މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް 462 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ރޯޝަނީ މަގުގެ މަސައްކަތް ނިމިފައިވާ އިރު، ބަޖެޓު ނުލިބޭތީ އިތުރު މަގެއްގެ މަސައްކަތް ނުފެށި ހަ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

މި އެއްބަސްވުމުގެ ދަށުން ގިނަ މަގުތަކެއްގައި އަލުން ގާ އަތުރައި ބައެއް މަގުތަކުގައި ތާރު އަޅަން އޮތީ ނިންމައިފައެވެ. ތާރު އަޅަން ނިންމި މަގުތަކުގެ ތެރޭގައި އަމީނީ މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގާއި ފަރީދީ މަގާއި ބުރުޒު މަގު ހިމެނެއެވެ.