ރާއްޖެ މިދަނީ ދަރަނިވެރިވާން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރަން ޖީއެސްޓީން ދެ ޕަސެންޓް އަދި ޓީޖީއެސްޓީން ހަތަރު ޕަސެންޓް ބޮޑުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިއަދު ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ދުނިޔޭގެ އިގުތިސޯދަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ކުރާނެ އަސަރު ކުޑަ ކުރުމަށްޓަކައި ރާއްޖޭގެ ދަރަނި މެނޭޖުކުރުމަށް އާ ސްޓްރެޓެޖީއެއް އެކުލަވާލަމުން އަންނަ ކަމަށެވެ.
އަމީރު ވިދާޅުވީ އެ ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ ހަރަދު ކުޑަކުރުމާ އެއްވަރަށް އާމްދަނީ އިތުރުވާނެ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެގޮތުން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އަށް ޕަސެންޓަށް ބޮޑުކޮށް، ފަތުރުވެރިކަމުން ނަގާ ޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޑެބިޓް ރީސްޓްރަކްޗާ ކޮށްފައި، ހަރަދު ކުޑަ ކޮށްފިނަމަ ޓެކްސް ބޮޑު ކުރަން ނުޖެހޭނެ ކަމަށެވެ.
ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީ އެމްޑިޕީއާ މަޝްވަރާނުކޮށް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.
"ސަރުކާރުން އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާއެއް ނުކޮށް ޓެކްސް ބޮޑު ކުރަން ނިންމެވީ. އަޅުގަނޑަކީ އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ އެމްޕީއެއް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ސަރުކާރުން ޖައްސަވާ ހިސާބު ބަލައިނުގަންނަ ކަމަށާއި އެ ހިސާބުތައް ދިމާވެސް ނުވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެފަދަ ކަންކަން ގާތު ބައްލަވަމުން ނުގެންދަވާ ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، ރާއްޖެ މި ދަނީ ދަރަން ކަމަށެވެ. އަދި ސަރުކާރުން ހެދި ގޯސްތައް ބަލައިގަނެ އަވަހަށް އެމްޑީޕީއާއެކު މަޝްވަރާ ކުރަން ފެއްޓުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
"ރާއްޖެ މި ދަނީ ދަރާން. ސަރުކާރުން ހެދި ގޯސް ބަލައިގަނެ އަވަހަށް ޕާޓީއާ މަޝްވަރާކުރައްވަން ފައްޓަވާ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުން އެމްޑީޕީއާ މަޝްވަރާނުކޮށްފިނަމަ އެމްޑީޕީ މެމްބަރުންގެ އިތުބާރު ސަރުކާރަށް ގެއްލިދާނެ ކަމަށެވެ.