ބައިނަލް އަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަޅޮލު ދަނޑުގައި ބޭއްވި ޔޯގާ ހަކަރާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދުގެ ބަންދަށް 16 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފަޒްލޫންގެ ބަންދުގެ މުއްދަތު މިއަދު ހަމަވާތީ އޭނާ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ފުލުހުން ކޯޓުގައި އެދިފައިވަނީ ފަޒްލޫން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި އެހެން ދީނީ އިލްމުވެރިޔާއެއް ކަމަށްވާ ޝެއިހް އާދަމް ނިޝާންގެ ބަންދުގެ މުއްދަތު ވެސް އާދިއްތަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ހައްޔަރުކުރިއިރު، 20 މީހުން އަދިވެސް ތިބީ ބަންދުގައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ބަންދަށް 60 ދުވަސް ވަނީ ޖަހައިފައެވެ.

ބަންދުން ދޫކޮށްލައިފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާންއެވެ.