ޚަބަރު

ކޯޓުތަކުގެ 10 އެޑްމިނިސްޓްރޭޓަރަކު ވަކިކުރީ ގޯސްކޮށް، އަލުން ވަޒީފާ ދޭންޖެހޭ: ހައިކޯޓް

މުހައްމަދު އިޝާން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށް ފަހު 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެ މީހުންނަށް އަލުން ވަޒީފާ ދޭން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 10 އެޑްމިނިސްޓްރޭޓަކު މަސައްކަތަށް އެކަށީގެންނުވާ ކަމަށް ކަނޑައަޅައި ވަޒީފާއިން ވަކިކުރީ 2019 ވަނަ އަހަރުއެވެ. ވަކިކުރި އެޑްމިނިސްޓްރޭޓަރުންގެ ތެރޭގައި ފެމިލީ ކޯޓު، ކުރިމިނަލް ކޯޓު، ހައި ކޯޓު އަދި ހަތް މެޖިސްޓްރޭޓް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުން ހިމެނެއެވެ.

އެ 10 އެޑްމިނިސްޓްރޭޓަރުން ވަނީ އެ މީހުން ވަޒީފާއިން ވަކިކުރީ ގާނޫނާހިލާފަށް ކަމަށް ބުނެ އެ މައްސަލަ މިދިޔަ އަހަރު ވަޒީއާބެހޭ ޓްރައިބިއުނުލަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމަށްފަހު ޓްރައިބިނަލުން ޖޭއެސްސީގެ މައްޗަށް ހުކުމް ކުރީ އެ މީހުންނަށް އަލުން ވަޒީފާ ދިނުމަށެވެ.

އަލުން ވަޒީފާ ދިނުމުގެ ބަދަލުގައި ޓްރައިބިއުނަލްގެ އެ އަމުރު ޖޭއެސްސީން ވަނީ ހައި ކޯޓުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ބެލުމަށްފަހު މިއަދު ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެހުކުމުގައި ވަނީ، ޖޭއެސްސީން 10 އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާހިލާފަށް ކަމަށެވެ. އަދި އެ މީހުންނަށް ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން ކޮށްފައިވާ އަމުރު ބާތިލުކުރަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ހުކުމުގައިވަނީ އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރީ އެ މީހުން އަދާކުރަމުންދިޔަ މަގާމު އުވުމުން، ރިޑަންޑެންސީގެ ހާލަތު މެދުވެރިވުމުން ކަމަށާއި އެ މީހުންނަށް ދޭންޖެހޭނީ ފައިސާގެ ބަދަލެއް ޖޭއެސްސީން ބުންޏަސް، އެއީ ގާނޫނީ ގޮތުން ހަމަޖެހޭ ބުނުމެއް ނޫން ކަމަށެވެ.

އަދި އެޑްމިނިސްޓްރޭޓަރުންގެ މަގާމު އުވުނީ ކަމަށް ޖޭއެސްސީން ބުންޏަސް، ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އިސް މުވައްޒަފުންގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ އުސޫލުގައި އެ މަގާމުތައް އުވުނީ ކަމަށް ބުނެފައިނުވާ ކަމަށް ހުކުމުގައި ބުންޏެވެ. އަދި ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އާ މަގާމަށް ބަދަލުވާނެ ކަމަށް އުސޫލުގައި ބުނާއިރު، އެ ދެ މަގާމުގެ ޒިންމާތަކުގައި ވެސް މާ ބޮޑު ތަފާތެއް ފެންނަން ނެތް ކަމަށް ހުކުމުގައި ބުންޏެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަނޑިޔާރު ހުސައިން މަޒީދުއެވެ.