ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މިއަދު ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެފައިވެއެވެ.

މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފަހަރެވެ. ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އެހެންކަމުން މި އަހަރު ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ހުއްދަ ދިނީވެސް ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.

ރާއްޖެއިން މި އަހަރު ހައްޖަށްދާ ހުރިހާ ހައްޖުވެރިން މިހާރު ފުރާފައިވާ އިރު އެންމެ ފަހު ގުރޫޕު ފުރާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ގުރޫޕުގައި ފުރި ހައްޖުވެރިންނާ ރައީސް ސޯލިހު ވަނީ އެއާޕޯޓުން ބައްދަލުކުރައްވައިފައެވެ.