ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ކުޅޭ ހުރިހާ ގައުމެއްގައި ހޯސްޓް ކުރާނެ އުސޫލަކަށް ބަދަލުކުރަން ހާއްސަ ހުށަހެޅުމެއް އައިސްފައިވާ ކަމަށް ސާފްގެ ޖެނެރަލް ސެކްރެޓަރީ އަންވަރުން ހޭގު ހެލާލް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބާއްވަން އޮތް ސާފް ޗެމްޕިއަންޝިޕްގެ ފޯމެޓް ބަދަލުކުރުމަށް ހާއްސަ ޕްރޮޕޯސަލްއެއް ސާފަށް ހުށަހަޅާފައި ވަނީ ހާއްސަ މާކެޓިން ފާމަކުންނެވެ. އެ ފޯމެޓްގެ މަޝްވަރާތައް އެންމެފަހުން ސާފުން ބޭއްވި އިލެކްޓޯރިއަލް ކޮންގްރެސްގައި ވަނީ ކޮށްފައެވެ. ބަންގުލަދޭޝްގައި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވި ކޮންގްރެސްގައި ސާފްގެ ރައީސް ކަމަށް ބަންގްލަދޭޝްގެ އެފްއޭ ރައީސް ކާޒީ ސަލާހުއްދީން ވަނީ ހަތަރު ވަނަ ދައުރަކަށް އިންތިހާބުކޮށްފައެވެ.
އެ ކޮންގްރެސްއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާފްގެ ޖެނެރަލް ސެކްރެޓަރީ ހޭގް ވިދާޅުވީ އަލަށް ޕްރޮޕޯސް ކޮށްފައިވާ ފޯމެޓުގައި ބުނެފައިވާ ގޮތުން މުބާރާތުގައި ވާދަކުރާ ހަތް ޓީމެއް، ލީގު އުސޫލުން ހޯމް އެންޑް އަވޭ އުސޫލުގެ ދެ މެޗު ކުޅުމަށް މުބާރާތް ބަދަލުކުރަންޖެހެއެވެ. ޗެމްޕިއަން ޓީމު ކަނޑައަޅާނީ ލީގު ބުރު ނިމޭއިރު ތާވަލަށް ބަލައިގެންނެވެ. މުބާރާތުގެ ފައިނަލް މެޗެއް ވަކިން ނުކުޅޭނެއެވެ.
ސާފްގެ ޖެނެރަލް ސެކްރެޓަރީ ހޭގް ވިދާޅުވީ އެ ޕްރޮޕޯސަލްއަށް ސާފްގެ ވިސްނުން އެބަހުރި ކަމަށާއި ސާފަށް އެ ޕްރޮޕޯސަލް ކަމުދާ ކަމަށެވެ.
"މާކެޓިން ކުންފުންޏަކުން ހުށަހެޅި ހުށަހެޅުމެއް އެއީ. އެ ޕްރޮޕޯސަލް މެންބަރު ގައުމުތަކާ ހިއްސާކުރާނަން. އެ ޕްރޮޕޯސަލްއަށް ގައުމުތަކުން އެއްބަސްވާ ނަމަ، އެގޮތަށް މުބާރާތް ބަދަލުވާނެ. ސާފް ޗެމްޕިއަންޝިޕް ކޮންމެ ދެ އަހަރަކުން އެއް އަހަރު ގަވާއިދުން ބާއްވަން ގަސްދުކޮށް، މުބާރާތް ބަދަލުކުރަން ވިސްނަން،" ހޭގް ވިދާޅުވިއެވެ.
ސާފް ޗެމްޕިއަންޝިޕް އެންމެފަހުން މިދިޔަ އަހަރު ބޭއްވީ ރާއްޖޭގައެވެ. އެ މުބާރާތަކީ ފުރަތަމަ ބަންގްލަދޭޝްގައި ހޯސްޓްކުރަން އުޅުނު މުބާރާތެއް ނަމަވެސް، ކޮވިޑް-19ގެ ސަބަބުން އެ މުބާރާތް ބަންގްލަދޭޝް އިން ދޫކޮށްލިއެވެ. އެ މުބާރާތަށް ރާއްޖެއިން ކުޑަ ދުވަސްކޮޅަކުން ތައްޔާރުވެ، ރަނގަޅު އިންތިޒާމުތަކެއްގައި ވަނީ ބާއްވާފައެވެ. މުބާރާތުގައި ފައިނަލުގައި ނޭޕާލް ބަލިކޮށް، ތަށި ނެގީ އިންޑިއާއިންނެވެ.