ޕީޕީއެމްގެ ކައުންސިލްގެ ނަން ޕީޕީއެމް ސެނެޓަށް ބަދަލުކޮށްފައެވެ.
އެގޮތަށް އެޕާޓީގެ ކައުންސިލްގެ ނަން ބަދަލުކުރީ އިއްޔެ ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބަލަހެއްޓެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައެވެ.
ކައުންސިލްގެ ނަން ބަދަލުކުރަން ހުށަހެޅީ ކޮން ފަރާތަކުންކަމެއް އެޕާޓީއަކުން ނުބުނެއެވެ. އެ ޕާޓީން ރޭ ކުރި ޓުވީޓެއްގައި ބުނީ، ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށް ކައުންސިލް މެންބަރުންނަކީ ސެނެޓާސް ކަމަށް ކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރުން އިންތިހާބުކޮށްފައިވަނީ މިދިޔަ މަހުގައެވެ.
ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުގައި ކަންކަން ނިންމަން އޮންނަ އެންމެ އިސް ގުނަވަނަށް ކިޔަނީ ކައުންސިލެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގައި ޕާޓީގެ އެންމެ އިސް ގުނަވަނަށް ކިޔަނީ ގައުމީ މަޖިލީހެވެ.
ޖުމްހޫރީ ޕާޓީގެ ގިނަ ކަންކަން ނިންމާނީ އެޕާޓީގެ ކައުންސިލުންނެވެ. އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) މުހިންމު ކަންކަން ވެސް ނިންމަނީ ކައުންސިލުންނެވެ.
ޕާޓީތަކުގެ ކައުންސިލުން ނިންމާ މުހިންމު ކަންކަމުގެ ތެރޭގައި އެ ޕާޓީއެއްގެ އެތެރޭގެ އިންތިހާބު އޮންނާނެ ދުވަހާއި އިންތިހާބުތަކުގައ ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުން ހިމެނެއެވެ. އަދި ޕާޓީތަކުގެ ޕޮލިސީ އެކުލަވައިލުމާއި ޕޮލިސީ ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަނީ ކައުންސިލުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު