ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ އަންހެނަކު ރޭޕްކުރި ދެ މީހަކު 15 އަހަރަށް ޖަލަށް

މުހައްމަދު އިޝާން

އައްޑޫ ސިޓީ ހިތަދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ދެ މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިތަދޫގައި ނަފުސާނީ ގޮތުން ނުކުޅެދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދައުވާކޮށްފައިވަނީ ކ. މާލެ، ދަފުތަރު ނަމްބަރު 963 މަހުތޫމް މޫސާ ދީދީ އާއި ސ. ހިތަދޫ، ޒަހާމަންޒިލް، އަލީ ޝަމާއު ޒުބައިރުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ ޖިންސީކުށުގެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތުވާތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ދެ މީހުން 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.