ބޮޑުއީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
ކޮންމެ އަހަރެއްގެ އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ އީދު ބަންދަކީ ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވުމުން ދަތުރުކުރާ އުޅަނދާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
އެމްއެންޑިއެފުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓުގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާނެ ކަމަށެވެ.
އޭގެތެރޭގައި މެރިން ވީއެޗުއެފް ޗެކްކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އެހެނިހެން ކަންކަންވެސް ބަލާނެއެވެ.
ކަނޑު އުޅަނދުފަހަރުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާއިރު، އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑުތަކުގައި ގާއިމުވެފައި ތިބޭ ކޯސްޓްގާޑު ސްކޮޑްރަންތަކުން އީދު ބަންދާ ދިމާކޮށް ރަށްތަކުގައިވެސް މި އޮޕަރޭޝަން ކުރިއަށްގެންދާނެއެވެ.
އެމްއެމްޑީއެފުން ބުނީ، ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަން އާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ތާޑް ސްކޮޑްރަން އަދި ސަދަން އޭރިއާ ފޯތް ސްކޮޑްރަނުން އެ އޭރިއާ ކޮމާންޑުތަކަށް ނިސްބަތްވާ ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ޗެކްކުރަމުން ގެންދާނެ ކަމަށެވެ.
ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ބޮޑު ޗުއްޓީ ނިމެންދެން ކުރިއަށްގެންދާނެއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށް ވުމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު