އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތްކުރަން ދަތި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިރޭ ކުރެއްވި ޓްވީޓެއްގައި، ރައީސް މީގެ ކުރިން ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯ ހިއްސާކުރައްވަމުން ވިދާޅުވީ، ރައީސްގެ ސިޔާސީ ހަޔާތްޕުޅުން އެމަނިކުފާނަށް އޭނާ ދޫކޮށްނުލެއްވުނަސް، އޭނާއަށް ރައީސާއެކު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މަސައްކަތްކުރަން ދަތި ކަމަށެވެ.
ހަސަންގެ ޓްވީޓްގައި ހިމަނާފައިވާ ވީޑިއޯގައި ރައީސް ވިދާޅުވަނީ، އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުން ދޫކޮށްނުލެއްވޭނެ ބޭފުޅުންތަކެއް އެބަ ތިއްބެވި ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ލިސްޓްގައި ހިމެނިވަޑައިގަންނަވަނީ މާފަންނު އުތުުރު ދާއިރާގެ އިމްތިޔާޒް ފަހްމީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން ގެ ނަމެވެ.
"2023 ގެ ރިޔާސީ އިންތިހާބުގައި ރައީސްއާއެކު މަސައްކަތް ކުރަން އަޅުގަނޑަށް ދަތި. އަދި އަޅުގަނޑަށް ލަފާކުރެވެނީ ރައީސްއަށް އެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވެން ނެތް ކަމަށް،" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން އެހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ. ނަޝީދު އެހެން ވިދާޅުވެފައިވަނީ އެމްޑީޕީ ވެރިކަމަށް އައުމަށް ބޭނުން ނަމަ ޗޮއިސް އަކީ އެމަނިކުފާނު ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާތީއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ނަޝީދުވެސް ފާޅުކުރައްވާފައިވާއިރު، ނަޝީދު ވަނީ އެމްޑީޕީން ތިން ވަނަ ވިސްނުމަކަށް ދިއުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވެރިކަމަށް "ޝަރުތު" ހަމަ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު