ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "މަސްޖިދު ރަޝީދު" މިސްކިތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވާފައިވަނީ އެކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

"މަސްޖިދު ރަޝީދު" އަކީ އަލް މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ އަންހެނުންނަށް ވަކިން ނަމާދުކުރޭގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ މިސްކިތެކެވެ.

މި މިސްކިތް ހުޅުވައިދެއްވުމަށްފަހު، ރައީސް ވަނީ މިސްކިތް ބައްލަވާލައްވައިފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މި މިސްކިތުގައި ކުރެވުނު މިރޭގެ އިޝާ ނަމާދުގެ ޖަމާއަތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އިންނެވެ.

މިސްކިތް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އާރުސީސީގެ ފަރާތުން ވަނީ މި މިސްކިތުގެ މޮޑެލްއެއް ރައީސްއަށް ވެދުމަށް އަރުވައިފައެވެ. މި ރަސްމިއްޔާތުގައި ރައީސް އަރިހުގައި، ނައިބު ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.