ޚަބަރު

މާލޭގެ ޓޫރިޒަމް ބިންތަކަށް އަކަމީޓަރަކަށް އަހަރަކު 95 ޑޮލަރު ދައްކަންޖެހޭ ގޮތަށް ފާސްކޮށްފި

މީހުން ދިރިއުޅޭ ރަށްރަށުން ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅާއިރު, މާލެ ވަކި ކެޓަގަރީއެއްގެ ގޮތުގައި ހިމަނައި, ބިމު ކުއްޔަށް އަކަމީޓަރަކަށް އަހަރަކު 95 ޑޮލަރު ނަގާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިދިޔަ މާޗު މަހު ސަރުކާރުން މަޖިލީހަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފޮނުވި އިރު, މާލެ ސިޓީ ވަކި ކެޓަގަރީއެއްގެ ގޮތުގައި ހިމެނުމަށް ހިމަނާފައެއްނުވެއެވެ. ނަމަވެސް ކޮމިޓީން ގެނައި އެ އިސްލާހާއެކު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ބިލު ފާސްކުރީ 50 މެންބަރުންގެ ވޯޓާއެކުއެވެ.

ޓޫރިޒަމް ގާނޫނުގައި މިހާރު އޮންނަ ގޮތުން މާލެ, ވިލިމާލެ އަދި ހުޅުމާލޭގެ ބިންތައް ހިމެނެނީ ކ. އަތޮޅުގެ ރަށްތަކުގެ ތެރޭގައެވެ. އެ ކެޓަގަރީގައި ކ. އަތޮޅުގެ އިތުރުން ދެން ހިމެނެނީ ނ, ރ, ބ, ޅ, އއ, އދ, ވ, މ, ފ އަދި ދ. އަތޮޅެވެ. އެ އަތޮޅުތަކުގެ ރަށްތަކުން ޓޫރިޒަމް ބިންތަކަށް ދައްކަންޖެހެނީ:

200،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަކަމީޓަރަކަށް އަހަރަކަށް 4 ޑޮލަރު، 500،000 ޑޮލަރާ ހަމައަށް

400،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަހަރަކަށް 750،000 ޑޮަލަރު

400،000 އަކަމީޓަރަށް ވުރެ ބޮޑެތި ބިންތަކަށް އަހަރަކަށް 1 މިލިއަން ޑޮލަރު

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލުގައިވާ ގޮތުން, މާލެ ސިޓީގެ ކޮންމެ ބޮޑު މިނެއްގެ ބިމަކަށްވެސް އަހަރަކަށް ނަގާނީ އަކަމީޓަރަކަށް 95 ޑޮލަރެވެ.

އެ އިސްލާހު ގެނައި ސަބަބެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ, މިވަގުތު މާލެ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކަކީ މާކެޓް އަގާ އަޅައިބަލާ އިރު, ވަރަށް ކުޑަ އަގެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށް ވުމުން މާކެޓް އަގުގައި އެ ފަދަ ތަންތަނުން ކުލި ނެގުން މުހިންމު ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.