އެއްވެސް އިރެއްގައި އެމްޑީޕީ އާއި ރައްޔިތުން މަޖިލީހުގެ ކޮންޓްރޯލް ހޯދަން އުޅުއްވާފައި ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުން މިރޭ ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްއަށް މީހަކު ފޮނުވި ސުވާލެއްގައި ބުނީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ނަޝީދު ބޮޑުކޮށް ފެއިލްވެފައިވާ ކަމަށާއި އެހެންކަމުން އެމްޑީޕީގެ ކޮންޓްރޯލް ނަޝީދަށް ގެއްލިފައިވާ ކަމަށް ގަބޫލުފުޅުކުރައްވަންތޯއެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ "ކޮންޓްރޯލް" އެ ބަސް ބޭނުންކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އެހެން ބޭފުޅުން ވެސް އެފަދައިން އެމަނިކުފާނާ މުހާތަބު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަދި ކޮންޓްރޯލް، އެ ކަންތައް ކުރާކަށް ވެސް އަޅުގަނޑު ނުމެ އުޅެން. ހަގީގަތުގައި އަޅުގަނޑަށް ކުރަން އެނގޭ ކަމެއް ވެސް ނޫން. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މިސާލަކަށް ގައުމީ މަޖިލީހުގެ މެމްބަރުންނަކީ ވެސް އެއީ ވަކި ބޭފުޅެއްގެ މެމްބަރުންނެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

އެގޮތަށް ވިދާޅުވި ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނާއެކު ކަމަށް ދޭހަވާ މޭރުމަކުން ނަޝީދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އެމަނިކުފާނުގެ ސިޔާސަތަށާއި ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކަމަށެވެ.

"ދެން އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެންމެ ގިނަ މެމްބަރުން ތާއީދުކުރައްވާނީ ބަރުލަމާނީ ނިޒާމަކަށް،" ނަޝީދު ވިދާޅުވިއެވެ.

ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަކީ ރިޔާސީ ނިޒާމު އަދި ރާއްޖޭގެ ގާނޫނު އަސާސީ ދަންނަށް ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނޫއަސާސީ ބަދަލުކޮށްގެން ކަމަށްވިޔަސް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުން މުހިންމު ކަމަށާއި ކުރިއަރާފައިވާ ގައުމުތަކުން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.