އެމްޑީޕީއަށް ތިން ވަނަ ފިކުރެއް ބޭނުންވާ ކަމަށާއި އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ފުރިހަމަވާ ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދާއި ޝާހިދު
ރައްޔިތުން މަޖިލީހުގެ "އާސްކް ސްޕީކާ" ޕްރޮގްރާމަގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝާހިދު ޝައުގުވެރިކަން ފާޅުކުރައްވައި އެކަން އެމަނިކުފާނުގެ އަރިހުގައި ދެންނެވި ކަމަށެވެ.
ނަމަވެސް އެ އިންތިހާބުގައި ވާދަކުރުން އެންމެ ރަނގަޅީ އެއިރު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ޝާހިދު އަރިހުގައި ދެންނެވިކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވުން މަޑުޖައްސަވައިލެއްވުމަށް ޝާހިދުގެ އަރިހުގައި ދެންނެވި ކަމަށެވެ. އެއިރު ވެސް ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމުގެ ރުކުން ހަމަވާ ބޭފުޅެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު އަބްދުﷲ ޝާހިދު އަރިހުގައި މަޑުކުރަން ދެންނެވިއިރުގައި އަޅުގަނޑަށް ވެސް ވަރަށް ސާފު އެ ބޭފުޅާއަކީ ރާއްޖޭގައި ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ބޭފުޅެއް،" ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނާނީ ތިން ވަނަ ބޭފުޅެއްތޯ އެ ސުވާލު އެމްޑީޕީ ހުރިހާ މެމްބަރުން ވެސް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޕާޓީގަ ތިން ވަނަ ފަރާތެއް ހޯދުމަށް ވެސް މަސައްކަތްކުރުމަކީ ވެސް ބޭނުންތެރި ކަމެކޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.