އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، މާވިންގެ ދިވެހި ލޯބިވެރިޔާ، ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ބަންދުގެ މުއްދަތު ދަމަހައްޓައިފިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

ލަމްހާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މައްސަލައިގައި މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ، ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކުގެ އަޑުއެހުމެކެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންތައްތައް ހުށަހެޅުމަށް ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުން ހުށަހެޅީ، ލަމްހާގެ ފަރާތުން ހުށައަޅާފައިވާ ދިފާއީ ހެކިން ބަލައިނުގަތުމަށެވެ. އެއީ އޭގެން ބައެއް ހެއްކަކީ ދައުލަތުގެ ހެކީން ކަމަށް ވުމާއި ކަމާ ނުބެހޭ ހެކީންވެސް އޭގެ ތެރޭގައި ހިމެނޭތީއެވެ.

ދައުލަތުގެ ހުށަހެޅުންތަކަށް ދިފާއުން ރައްދު ދީފައިވާއިރު، ލަމްހާގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ، ދިފާއުވުމަށް ކޮންމެ ހެއްކެއްވެސް ލަމްހާއަށް ހުށަހެޅޭނެ ކަމަށާއި އެއީ ދައުލަތުގެ ހެއްކެއް ކަމަށްވިޔަސް ހެކި ބަސް ނަގާ ސަބަބު ތަފާތު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެ ފަރާތަށްވެސް ރީއެގްޒާމިން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލް ޔާމީން ވަނީ، ޝަރުތަކާއެކު ލަމްހާ ބަންދުން ދޫކޮށްދޭން އެދި އެކަމުގެ ސަބަބުތައް ތަފްސީލީ ގޮތެއްގައި ބަޔާންކޮށްދެއްވައިފައެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ ލަމްހާގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ހާލަތެއް ނެތް ކަމަށް ވިދާޅުވެ، އޭނާގެ ބަންދު ދަމަހައްޓައިފައެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހުށަހެޅުންތަކަށް ގޮތެއް ނިންމުމެވެ. އެކަމަށް އަންނަ އޯގަސްޓު މަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.