ޓޮޓެންހަމް ހޮޓްސްޕާ

ޓޮޓެންހަމްގެ މެޑިކަލް ފުރިހަމަ ކުރުމަށް ރިޗާލިސަން ތައްޔާރުވެއްޖެ

ބްރެޒިލްގެ ގައުމީ ޓީމުގެ ވިންގް، ރިޗާލިސަން ޓޮޓެންހަމްގެ މެޑިކަލް ފުރިހަމަ ކުރުމަށް ތައްޔާރު ވެއްޖެއެވެ.

އެވަޓަން ދޫކޮށް، އެންޓޯނިއޯ ކޮންޓޭގެ ޓޮޓެންހަމްއާ ގުޅުމަށް ރިޗާލިސަން އެންމެފަހުގެ މަރުހަލާތައް ފުރިހަމަ ކުރަމުން އަންނައިރު، ބެލެވޭ ގޮތުގައި އެވަޓަން އާއި ސްޕާސް އެއްބަސްވާ އަގަކީ 50 މިލިއަން ޕައުންޑެވެ. އެ އަގަށް ދެ ކްލަބު އެއްބަސްވެފައިވާ އިރު، ރިޗާލިސަން އާއި ޓޮޓެންހަމްއާ ދެމެދުވެސް ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

އުމުރުން 25 އަހަރުގެ ރިޗާލިސަން 2018 ވަނަ އަހަރު ވޮޓްފޯޑުން އެވަޓަންއާ ގުޅުނީވެސް 50 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެވަޓަންއާ ގުޅުނު ފަހުން އެ ކްލަބަށް ކުޅުނު 152 މެޗުން ރިޗާލިސަން ވަނީ 53 ގޯލު ޖަހައިފައެވެ. އެވަޓަން މިދިޔަ ސީޒަނުގައި ކިރިޔާ ރެލިގޭޝަނުން ސަލާމަތްވި އިރު، ރިޗާލިސަން އަކީ އެ ޓީމުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

ރިޗާލިސަންއަކީ މިވަގުތު ބްރެޒިލް ގައުމީ ޓީމަށްވެސް މުހިއްމު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގެ ތެރޭގައި ބްރެޒިލާއެކު ކޮޕާ އެމެރިކާ އަދި އޮލިމްޕިކް ގޭމްސްވެސް ރިޗާލިސަން ކުޅެފައިވާ އިރު، ގައުމީ ޓީމަށް 10 ގޯލު ޖަހައިދިނެވެ.

އެވަޓަންއަށް މިދިޔަ ސީޒަނުގައި ފައިސާގެ ގެއްލުންތަކާ ކުރިމަތިލާން ޖެހުނު އިރު، ކުޅުންތެރިން ވިއްކައިގެން ދަރަނި ފޫބައްދަން އެ ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން ޓޮޓެންހަމް ފެނިގެން ދަނީ މި ޓްރާންސްފާ ސީޒަނުގައި އެންމެ ކާމިޔާބު ޓްރާންސްފާތައް ކުރަމުންދާ ޓީމުގެ ގޮތުގައެވެ.

ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގަށްވެސް ތައްޔާރުވަމުންދާ ޓޮޓެންހަމްއިން މިހާތަނަށް ނިންމާފައިވާ ޓްރާންސްފާތަކަށް ބަލާ އިރު، އިވާން ޕެރިސިޗާއި ވައިވެސް ބިސޫމާ އަދި ގޯލްކީޕަރު ފްރޭސާ ފޯސްޓާގެ ސޮއި ހޯދުން ހިމެނެއެވެ.