ޓޮޓެންހަމް މި ސީޒަނުގައި ރެލިގޭޓްވި ނަމަވެސް، އަންނަ ސީޒަނުގައި އެ ކްލަބާއެކު މަޑުކުރާނެ ކަމަށް އަލަށް ހަވާލުވި ކޯޗު، ރޮބާޓޯ ޑި ޒާބީ ބުނެފިއެވެ.

ކުރިން ބްރައިޓަންއަށް ކޯޗުކަން ކޮށްދިން ޑި ޒާބީ ޓޮޓެންހަމްއާ ހަވާލުވީ މިދިޔަ ހަފުތާ ތެރޭގައެވެ. އެއީ އެ ކްލަބުގެ ކޯޗުކަމުގައި ހުރި ކްރޮއޭޝިއާގެ އީގޯ ޓޫޑޯ އެ މަގާމުން ދުރަށް ޖެހިލުމުންނެވެ.

ޓޮޓެންހަމް މިހާރު އޮތީ އުނދަގޫ ހާލަތެއްގައެވެ. އެގޮތުން އެ ކްލަބުން މިހާތަނަށް ކުޅުނު 31 މެޗުން ހޯދިފައިވަނީ އެންމެ 30 ޕޮއިންޓެވެ. އެއާއެކު އެ ކްލަބު އޮތީ 17 ވަނައިގައެވެ. މިދިޔަ އަހަރު ޑިސެމްބަރު ފަހުން ޓޮޓެންހަމް އަދި މޮޅުވެފައެއް ނުވެއެވެ.

ޑި ޒާބީ ބުނީ ކްލަބާއެކު ސޮއިކުރީ ފަސް އަހަރު ކަމަށާއި، އަންނަ ސީޒަނުގައި އޭނާ އެ ކްލަބަށް ކޯޗުކަން ކޮށްދޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ޑި ޒާބީ ބުނީ ރެލިގޭޝަނުގެ ބިރު ކްލަބަށް އޮތް ނަމަވެސް، އެ ހާލަތަށް ދިޔަ ނުދީ ސަލާމަތް ކުރެވޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. ހާއްސަކޮށް ހާލަތުން އަރައިގަތުމަށް ސަކޮޑުގައި ކޮލިޓީ އެބަހުރި ކަމަށް އޭނާ ބުންޏެވެ.

އުމުރުން 46 އަހަރުގެ ޑި ޒާބީއަށް ޓޮޓެންހަމް ރެލިގޭޝަނުން ސަލާމަތް ކުރަން ޖެހިފައިވާ އިރު، އެޓީމުން މީގެ ކުރިން އެންމެފަހުން ރެލިގޭޓް ވެފައިވަނީ 1977 ވަނަ އަހަރުއެވެ.