އަންނަ މަސް ނިމޭއިރު، ކުރިއަށް އޮތް ފަސް މަހަށް ބޭނުންވާ ކާޑާއި ތެޔޮ އަދި ބޭހުގެ ސަޕްލައި ހޯދުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބޭނުންކުރެވޭ ރިޒާވްގައި ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ އަސާސީ މުދާ ގަންނަން ބޭނުންވާ ކިހާ ދުވަހެއްގެ ފައިސާ ދައުލަތުގެ ރިޒާވްގައި ހުރިތޯ ޔަގީންކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ލިޔުމުން ޖަވާބު ހޯއްދެވުމަށް މިމަހުގެ ހަތް ވަނަ ދުވަހު ފޮނުއްވި ސުވާލަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ.
އީވާ ކުރެއްވި ސުވާލުގައި ވިދާޅުވީ، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ބަޖެޓް ޑެފިސިޓް 150 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، އަންނަ މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑު، ތެލުގެ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެއްވޭތޯ ކަމަށެވެ.
އެ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް މެނޭޖުކުރުމާއި ބެލެހެއްޓުން ގާނޫނީ ގޮތުން ހަވާލުކުރެވިފައިވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބެން ހުރި މައުލޫމާތަށް ބަލައި މި މިނިސްޓްރީއަށް އަންދާޒާ ކުރެވޭ ގޮތުގައި 2022 ގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ އިމްޕޯޓުގެ ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ޔޫސަބަލް ރިޒާވް ހުންނާނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ޔޫސަބަލް ރިޒާވާ ގުޅޭ އިތުރު ތަފްސީލު ބޭނުންވާ ނަމަ އެމްއެމްއޭ މެދުވެރިކޮށް އެކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރިޒާވާ ގުޅޭ ގޮތުން މިނިސްޓަރު އަމީރު، ފިނި ޖަވާބެއް ދެއްވާފައިވާތީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގައި ސަރުކާރު ހިންގުމަށް ބޭނުންވާ ވުޒާރާތައް އުފައްދަވައި އެ ވުޒާރާތަކުގެ މަސްއޫލިއްޔަތުތައް ކަނޑައަޅުއްވައިފައިވާ ކަމަށެވެ. އަދި އެކަންކަމަށް ބަލައި ވަޒީރުންނަށް މަޖިލީހުގައި ކުރާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެންނެވެން ޖެހޭނެ ކަމަށާއި މާލީ ކަންކަމާ މާލީ ވަޒީރަށް ހަވާލުވެވަޑައިނުގެންނެވޭނެ ކަމަށް ނުދެންނެވޭނެ ކަމަށެވެ. އެހެންކަމުން މިނިސްޓަރު އަމީރު ފޮނުއްވި ސިޓީ އިސްލާހު ކުރެއްވުމަށް ނަޝީދު ވަނީ އަންގަވައިފައެވެ.