ލީޑްސް ޔުނައިޓެޑްގެ ބްރެޒިލް ވިންގާ، ރަފީނިއޯ ހޯދުމުގައި ޗެލްސީން ކުރިއަށް ޖެހިލައިފިއެވެ.
ރަފީނިއާ ހޯދުމަށް މާ ކުރިން ފެށިގެންވެސް އާސެނަލް އާއި ބާސެލޯނާއިން މަޝްވަރާތައް ކުރަމުން ދަނިކޮށް، ޗެލްސީން ވަނީ ޑީލް ތެރެއަށް ވަދެ، އެ ޑީލް ހައިޖެކް ކޮށްފައެވެ. އާސެނަލް އާއި ބާސާގެ ހުށަހެޅުންތައް ތައްޔާރުކުރަމުން ދަނިކޮށް، ފަހުވަގުތު ޗެލްސީން ކުއްލިއަކަށް ހުށަހެޅި ހުށަހެޅުމާއެކު ދެ ކްލަބުން ވަނީ ރަފީނިއާގެ އަގަކަށްވެސް އެއްބަސްވެފައެވެ.
އިތުބާރު ރިޕޯޓުތައް ބުނެފައިވާ ގޮތުން އުމުރުން 25 އަހަރުގެ ރަފީނިއާއާއަށް ޗެލްސީ އާއި ލީޑްސް އެއްބަސްވެފައިވާ އަގަކީ 65 މިލިއަން ޕައުންޑެވެ. ޗެލްސީގެ އާ ޗެއާމަން ޓޮޑް ބޯލީ ޓްރާންސްފާގެ ކަންކަމާ މަޝްވަރާތައް ކުރަމުން އަންނައިރު، ރަފީނިއާ ގެންދަން ދެ ކްލަބުން އެއްބަސްވި އެއްބަސްވުން ވެގެން ގޮސްފައި ވަނީ މާކެޓަށް ލިބުނު ހައިރާން ކަމަށެވެ.
ނޫސްތަކުން ބުނެފައި ވަނީ ޗެލްސީން މިވަގުތު ކުރަމުން އަންނަ މަސައްކަތަކީ ރަފީނިއާއާއެކު ޕާސަނަލީ އެއްބަސްވުމަކަށް ދިޔުން ކަމަށެވެ. އެ މަސައްކަތަށްވެސް ޗެލްސީއަށް އޮތީ ފަސޭހަ މަގެކެވެ. ރަފީނިއާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ ކުރިން ޗެލްސީއަށް ކުޅުނު ޕޯޗުގަލްގެ ޑެކޯއެވެ.
ރަފީނިއާ މި ވަގުތު ލީޑްސްގެ ކޮންޓްރެކްޓްގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ލީޑްސް އިން 2019 ވަނަ އަހަރު ރަފީނިއާ ގަތީ ފްރާންސްގެ ރެނެސް އަށް 25 މިލިއަން ޑޮލަރު ދީފައެވެ. ރެނެސްއަށް ކުޅުމުގެ ކުރިން ސްޕޯޓިން ލިސްބަންއަށްވެސް ކުޅުނު ރަފީނިއާ ވަނީ ލީޑްސްއަށް ލީގުގައި ކުޅެދިން 65 މެޗުގައި 17 ގޯލު ޖަހައިދީފައެވެ.
ލީޑްސް ދޫކޮށް ރަފީނިއާ ބޮޑު ކްލަބަކަށް ދާން ބޭނުންވީ ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލް ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދަން ބޭނުންވާތީ އެވެ. ބްރެޒިލްގެ ކޯޗު ޓީޓޭ ފަހަކަށް އައިސް ރަފީނިއާ އަށް ގައުމީ ޓީމުގެ މެޗުތަކުން އަންނަނީ ފުރުސަތު ދެމުންނެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް