ޚަބަރު

ޔޯގާއަށް ފަތުވާ ނުނެރުނު މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅައިފި

މުހައްމަދު އިޝާން

ޔޯގާގެ މައްސަލައިގައި ފަތުވާ މަޖިލީހުން މިހާތަނަށްވެސް ރައުޔެއް ނެރެފައިނުވާ މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅައިފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އެ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު އުމަރުއެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، އާދަމް ޝަރީފު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގުތީ އާ މައްސަލަތަކުގެ ދިރާސާތައްކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ މަޖިލީހެއް ކަމަށެވެ.

"ކަންމިހެން އޮތްއިރު ދިވެހި ސަރުކާރުން އިސްނަގައިގެން މިމަހުގެ 21 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ޔޯގާ ހަރަކާތްތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ހަމަނުޖެހުންތައް ހިނގިއިރު، ޔޯގާ ހެދުމާބެހޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔު ނުނެރެ މިހާ ގިނަ ދުވަސް ވެގެން ދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އެހާމަ ކަންބޮޑުވާންޖެހޭ ކަމެއް،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވަނީ، ފަތުވާ މަޖިލީހުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކޮށްފައި ނުވަނީ ކީއްވެތޯ އާއި އަދި އެފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ކަންކަން ރާވާފައިވާ ގޮތްތަކަކީ ކޮބައިކަމާއި ޔޯގާ ހެދުމާ ބެހޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ސާފުކޮށްދިނުމަށް ސިޓީގައި އެދިވަޑައިގެންފައެވެ.

ޔޯގާއަކީ އިސްލާމީ ޝަރީއަތާ ހިލާފުކަމެއް ކަމަށާއި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިއަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީއަކީ ސައްހަ ނޫން ސިޓީއެއް ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފައިވާތީ އެ މައްސަލަ ބަލައިދިނުމަށް ވެސް އާދަމް ޝަރީފު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އާދަމް ޝަރީފު ވަނީ، ޔޯގާ ހަރަކާތް ސެކިއުރެޓީ ބްރީޗުވި ގޮތުގެ އިންކުއަރީއެއް ހެދުމަށް ވެސް ގޮވައިލައްވައިފައެވެ. އަދި ވިދާޅުވީ، ސެކިއުރެޓީ ބްރީޗުވި ގޮތުގެ ފުރިހަމަ އިންކުއަރީ ހެދޭނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ސަސްޕެންޑުކޮށްގެން ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، މުއްދަތު ވަނީ ޖަހައިފައެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.