ޚަބަރު

ޔޯގާއާ ގުޅޭ ސިޓީގެ މައްސަލަ ބަލަން އިދިކޮޅުން އެދިއްޖެ

މުހައްމަދު އިޝާން

ޔޯގާއަކީ އިސްލާމީ ޝަރީއަތާ ހިލާފުކަމެއް ކަމަށާއި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީއަކީ ސައްހަ ނޫން ސިޓީއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާތީ އެ މައްސަލަ ބަލައިދިނުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެދިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ، އެ ސިޓީގައި ހިމަނާފައިވާ ފަތުވާ ނެރެފައި ވަނީ އެ މިނިސްޓްރީން އެފަދަ ކަންކަމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. އެގޮތުން ޔޯގާގެ ޝަރުއީ ހުކުމާމެދު ރާއްޖޭގެ އިސްލާމީ ފަތުވާދޭ މަތީ މަޖިލީހުގެ ތަފުސީލީ ފަތުވާއެއް ހޯދުމަށްފަހު އާންމުކުރާނެ ކަމަށް ބުނެފައިވެއެވެ.

ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުން ކުރަމުންދިޔަ ނަމަވެސް، 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިސްރުގެ ފަތުވާ ދޭ މަޖިލީހުން ނެރެފައިވާ ފަތުވާގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާއި އެއީ ހިންދޫގެ އަޅުކަމާ ގުޅިފައިވާ ކަމެއް ކަމުން އެއީ ކުޅިވަރެއްގެ ގޮތުގައިވެސް ކުޅުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

އަދި 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ނެރެފައިވާ ފަތުވާއެއްގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާއި އެއީ ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ކުރުން ހުއްދަ ނުވާނެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށްވެސް ސިޓީގައިވެއެވެ.

އެކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު ޕީޕީއެމް/ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މިއަދު ފޮނުވި ސިޓީއެއްގައި ވިދާޅުވީ،

މެޑިޓޭޝަނަށް ޔޯގާ ކުރި ނަމަވެސް އެއީ އިސްލާމް ދީނުގައި ހަރާމްކަމެއް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީއަކީ އެ މިނިސްޓްރީގައި އެފަދަ ކަންކަން ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފަށް ފޮނުވާފައިވާ ސިޓީއެއް ކަމަށް ބުނެފައިވާތީ އެކަން އިތުރަށް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށައަޅާފައިވާ ކަމަށެވެ.

ދީނީ ގޮތުން ހިޔާލު އުފެދޭ ކަމެއްގައި އާންމުންނަށް އިތުރަށް އޮޅޭ ގޮތަށް ސަރުކާރުގެ ވުޒާރާއަކުން ފޮނުވާފައިވާ ސިޓީގެ ޒިންމާ ނެގުމުގެ ބަދަލުގައި އެ ސިޓީއަކީ އިޖުރާއަތްތަކާ ހިލާފަށް ފޮނުވާފައިވާ ސިޓީއެއް ކަަމަށް ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ދިވެހީންގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ކަންކަން ހިންގުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އަދި އެކަމަކީ އިސްލާމިކް މިނިސްޓްރީގެ ގާނޫނީ ވާޖިބު އަދާ ކުރުމުގެ ބަދަލުގައި އެ މިނިސްޓްރީގައި ތިބޭ މީހުން ބޭނުންވާ ކޮންމެ ފަަތުވާއެއް ބޭނުންވާ ގޮތަކަށް ނެރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން އިޖުރާއަތްތަކާ ހިލާފަށް އިސްލާމިކް މިނިސްޓްރީން މިފަދަ ސިޓީއެއް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވުނީ ކީއްވެގެންތޯ އާއި އެފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ވިޔަނުދިނުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ މެދުވެރިކޮށް ބައްލަވައިދެއްވުން އެދެން،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވަނީ ޔޯގާ ހަރަކާތުގެ ސެކިއުރެޓީ ބްރީޗު ވެފައިވާތީ އެ މައްސަލައިގެ އިންކުއަރީއެއް ހެދުމަށް ގޮވާލައި ނަޝީދަށް ސިޓީއެއް ފޮނުއްވައިފައެވެ. އަދި ސެކިއުރެޓީ ބްރީޗުވި ގޮތުގެ ފުރިހަމަ އިންކުއަރީ ހަދައި ނިމެންދެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ސަސްޕެންޑު ކުރުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޔޯގާގެ މައްސަލައިގައި ފަތުވާ މަޖިލީހުން މިހާތަނަށްވެސް ރައުޔެއް ނެރެފައިނުވާ މައްސަލަ ބަލަންވެސް އޭނާ ވަނީ މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން މިހާތަނަށް 21 މީހުން ހައްޔަރުކޮށް މުއްދަތު ވަނީ ޖަހައިފައެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.