ޚަބަރު

ރިލްވާން އާއި ޔާމީންގެ މަރުގެ މައްސަލަ: ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މުހައްމަދު އިޝާން

ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މ. ލެގޫން، ވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30،، ދަފްތަރު، އަހްމަދު މުއާޒް، 40، އަދި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) 39، ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކުރީ މިއަދުއެވެ.

ފުލުހުން ވަނީ އެ ތިން މީހުންނާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ. އެ ހެކިތަކުގެ ތަފްސީލު އަމުރު ބަޔާންކޮށްފައެއް ނުވެއެވެ.

ގެއްލިފައިވާ މީހުންނާއި މަރައިލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އިސޫއަކީ ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއަށް ފާރަލީ އެކަކެވެ. އަދި އޭނާ އަކީ ސީރިއާގައި ކުރަމުންދިޔަ ހަނގުރާމައިގައި ބައިވެރިވާން ދާން އުޅުނު ކަމަށް ހައްޔަރުކޮށް ދައުވާ ވެސް ކުރި މީހެއް ކަމަށެވެ. އެ ދައުވާ ސާބިތުނުވީ، ތުރުކީ ސަރުކާރުގެ ލިއުމެއް ނެތުމުން ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި ސީރިއާ އާއި ޕާކިސްތާނަށް ހަނގުރާމައަށް މީހުން ފޮނުވާ ކަމަށް ފުލުހުން މީގެ ކުރިން ވެސް ތުހުމަތުކުރާ މީހެކެވެ.

ގަޓު މުއާއަކީ 2014 ވަނަ އަހަރު ވެސް ޔާމީން އާއި ރިލްވާންގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހެކެވެ. އޭނާ ހައްޔަރުކުރީ ރިލްވާން މަސައްކަތްކުރި މިނިވަން ނިއުސް ހިންގާ އޮފީހުގެ ސީސީޓީވީ ކެމެރާ ވަގަށް ނަގައި ދޮރަށް ކަތިވަޅިއެއް ޖެހި މައްސަލައެއްގެ ތުހުމަތަށެވެ. ނަމަވެސް އޭނާގެ މައްޗަށް އެ ތުހުމަތު ސާބިތުވެފައިނުވެއެވެ.

ރިލްވާން ގެއްލުވާލާފައި ވަނީ އޮގަސްޓް، 2014 ގަ އެވެ. އެންމެ ފަހުން އޭނާ ފެނުނީ ހުޅުމާލެއަށް ދާން ފެރީ ޓާމިނަލަށް ވަންނަނިކޮށެވެ. ވަޅިން ބިރުދައްކައި އޭނާ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔައީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ކުރިމަތިންނެވެ.

އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.