ޚަބަރު

ދައުރުކުރަނީ އަސާސެއްނެތް ވާހަކަތަކެއް، އިސްލާމްދީނާ ހިލާފު ކަމެއް ނުކުރަން: ސަލީމް

މުހައްމަދު އިޝާން

އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމްގެ ހިއްސާ އޮންނަ ރާއްޖެ ޓީވީގައި ކުރިން މަސައްކަތްކުރި ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ނަސީރު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ނަސީރާއެކު އެއް ޖިންސުން ގުޅުން ހިންގަމުންދަނީ ސަލީމް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އަދި ބައެއް މީޑިއާތަކުން ވަނީ އެ ވީޑިއޯގައި ފެންނަނީ ސަލީމް ކަމަށް ބުނެފައެވެ.

އެ ވާހަކަތައް ދޮގުކުރައްވައި މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސަލީމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭނާއަކީ އެތައް ރައްޔިތުންނެއް ތަމްސީލު ކުރައްވާ މެމްބަރަކަށް ވާއިރު، އޭނާއަށް ރައްދުވާ ގޮތަށް އިސްމާލްދީނުގައި ހަރާން ކޮށްފައިވާ ފާހިޝް އަމަލެއް ހިންގި ކަމަށް ބުނެ ލިޔެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަން ބެލެން އޮތް އެންމެ ރަނގަޅަކަށް ބަލަން ޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވީ، އެ ލިޔުމުގައި ހަވާލާދީފައިވާ ވީޑިއޯ އިން ނުވަތަ ފޮޓޯ އިން ފެންނައެކަކީ ކަނޑައެޅިގެން ކާކުކަން އެނގޭ ހާލަތުގައި އެ މީހަކާއެކު، އެފަދަ އަމަލެއް ހިންގުމުގައި އޭނާ ބައިވެރިވެފައިވޭތޯ ބެލުމަކީ ފުލުހުންގެ ގާބިލުކަމަށް ބަލާއިރު އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑު ނުކުރާ ކަމެއް އެއީ ނުކުރާ ކަމެއް ކަމަށް ސާބިތުކުރުމަށް އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަ ކަމެއް ހިނގި ކަމަށް ބުނާ މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ތިޔަ މުއައްސަސާގެ ޒިންމާއެއް ކަމުގައި ވެސް އަޅުގަނޑު ދެކެން،" ސަލީމް ވިދާޅުވިއެވެ

އޭނާއަށް ކުރެވޭ ތުހުމަތުތައް އަވަހަށް ތަހުގީގުކޮށް، އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ ކުޑަނަމަވެސް ހެއްކެއް ލިބިއްޖެނަމަ، އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި ތަހުގީގުކުރުމަށް ފަހު އެ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުންނަށް ފާހަގަކުރެވުނު ކަންކަމުގެ ތަފުސީލީ މައުލޫމާތު އާންމުކޮށް ހިއްސާކުރަން ވެސް ސަލީމް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިން ކަމަށް ބެލެވޭ މީހަކު އަންހެނާއި ފިރިހެނަކާ އެކު ފެންނަ ބަރަހަނާ ފޮޓޯއެއް ވެސް ވަނީ އާންމުވެފައެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން ތަހުގީގުކުރަމުންދާއިރު، ފުލުހުން ވަނީ ނާޒިމް ސުވާލުކުރަން ހާޒިރުކޮށްފައެވެ. އަދި އޭނާގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.