ޚަބަރު

ވީޑިއޯ އާންމުކޮށް އަބުރު ކަތިލިޔަސް، އަޅުގަނޑެއް ނުގުޑާނެ: ނަޝީދު

މުހައްމަދު އިޝާން

ވީޑިއޯތައް އާންމުކޮށް ކޮއްކޮ ނާޒިމް ސައްތާރުގެ އަބުރު "ކަތިލީ" ނަމަވރސް އެމަނިކުފާނުގެ އަޒުމް ގުޑުވައިނުލެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ނާޒިމަށް ތުހުމަތުކުރާ ވީޑިއޯއެއް އާއްމުވުމުން އޭނާ ފުލުހަށް ހާޒިރުކޮށް، ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައި ވަނިކޮށެވެ. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިން ކަމަށް ބެލެވޭ މީހަކު އަންހެނާއި ފިރިހެނަކާ އެކު ފެންނަ ބަރަހަނާ ފޮޓޯއެއް ވެސް ވަނީ އާންމުވެފައެވެ. އެމައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ވީޑިއޯތަކާއި ފޮޓޯތައް އާންމުކުރުމުގެ ފަހަތުގައި ވަނީ ސަރުކާރުގެ ބައެއް މިނިސްޓަރުން ކަމަށެވެ. އެގޮތަށް އެކަންތައް ކުރައްވަނީ އަބުރު ކަތިލުމުގެ ބޭނުމުގައި ކަމަށާއި އެކަމަކު އެމަނިކުފާނު ގުޑުވައި ނުލެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ފުލުހުން އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމުގެ މައްސަލަ ތަހުގީގުކުރަމުން ދަނީ އިންސާފުން ނޫން ކަމަށާއި މީގެ ކުރިން ވެސް އެކި މީހުންގެ އެފަދަ އަމަލުތައް ފެންނަ ފޮޓޯ އާއި ވީޑިއޯ އާންމުވުމުން ފުލުހުން އަމަލުނުކުރާ ގޮތަށް ނާޒިމުއާ ދޭތެރޭ އަމަލުކުރަމުން ގެންދާ ކަމަށެވެ.

"ދެން ވެސް ޑިޕްލޮމެޓުންނާއި ދިމާކުރާ އަދި މުޅި ރާއްޖެ ހަލާކުކުރާ ހައްދުފަހަނައެޅި މީހުން މަތީ މަގާމްތަކުގައި ބައިތިއްބާފައި މި ޕާޓީ މެމްބަރުން ޖަލަށް ލާނީ. އަޅުގަނޑު ވެސް ޖަލަށް ލާނެ ކަން އެނގޭ. އެކަމަކު ވެސް ދުލެއް ނުކުރެވޭނެ، އަދި ނާޒިމްގެ ޕާސްޕޯޓް ހިފަަހައްޓައިފި. ދެން އޭނާ ކުޑަގޮޅިއަށް ލާނެ،" ނަޝީދު ވިދާޅުވިއެވެ.

މެމްބަރު އަނދުން ހުސެއިން ފުލުހަށް ހާޒިރުކޮށްގެން ނުވާނެ ކަމަށާއި އެމްޑީޕީގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރުކުރާނަމަ އެމަނިކުފާނަށް އެކަން އަންގައިދިނުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ވީޑިއޯ އާއި ފޮޓޯ އާންމުކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮތްކަމަށް ވެސް ނަޝީދު ވަނީ ތުހުމަތުކުރައްވައިފައެވެ. ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބު ވެވަޑައިގެންފި ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ފުލުހުންގެ މުއައްސަސާ އިސްލާހު ނުކުރެއްވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި ހުރިހާ ފޮޓޯއެއް ނުކުންނާނެ. އަޅުގަނޑުމެންނަކަށް ޕޮލިސް ތެރެ އިސްލާހެއް ނުކުރެވުނު. ރައީސުލްޖުމްހޫރިއްޔާއަކަށް އެއްގޮތަކަށް ވެސް މި ކަމެއް ނުވި،" ނަޝީދު ވިދާޅުވިއެވެ.

ނާޒިމް އާއި އަންދުން ހުސެއިންގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، ނާޒިމް ވަނީ ފުލުހަށް ވެސް ހާޒިރުކޮށްފައެވެ.

މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް އެއްޖިންސުން ޖިންސީ ގުޅުންހިންގާ ކަމަށް ބުނާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.