ޔޯގާ އާއި ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފުކަމެއް ކަމަށް ކަނޑައަޅައި، ދިވެހިންގެ އާންމު ދިރިއުޅުމަށް ބުރޫއަރާގޮތަށް ކަންކަން ކުރަން ފެށުމަކީ ގައުމު ހާލަކުގެ މިސްރާބަށް ދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް 17 އަހަރުން ފުރުން ފާހަގަކުރުމަށް މިއަދު އެޕާޓީގެ މައި ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއަރާގޮތަށް ކަންކަން ކުރަން ފެށުމަކީ ގައުމު ހަލާކުގެ މިސްރާބަށް ދާނެ ކަމެއް ކަމަށެވެ.

"މި ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމްކަމެކޭ, ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފުކަމެކޭ, މި ބާވަތުގެ ވާހަކަ ދައްކާ, އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބުރޫއަރުވަން ފަށައިފިނަމަ ދެން އަޅުގަނޑުމެން އެދަނީ ސަލާމަތުގެ އައްސޭރި އަކަށް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެފަދަ ބައެއް ކަންކަމުގެ ސަބަބުން ގައުމުތައް ބާކީވެ، އެކަހެރެވި، ސަލާމަތުގެ އައްސޭރިން ނެއްޓި ހަލާކުގެ އައްސޭރިއަކަށް ދިޔަ މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ހަލާކުގެ އައްސޭރިއަކަށް ދިޔުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގިއަސް ރައްޔިތުންނަށް އަމާން ރާއްޖެއެއް ގާއިމްކޮށްދިނުމަށް އެމްޑީޕީން ކުރާ މަސައްކަތް ނުހުއްޓޭނެ ކަމަށާއި އެޕާޓީގެ އަމާޒުގައި ސާބިތުވެ ތިބެ އަމާން ރާއްޖެއެއް ހޯދައިދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ޒަމާނުއްސުރެ ފަށައިގެން ދިވެހިން ދިރިއުޅެމުން އައި ގޮތާއި އެމީހުން ގަބޫލުކުރަމުން ފަލްސަފާ އަދި އެމީހުންގެ ދީނީ އަގީދާއަކީ އަމިއްލަ ސިޔާސީ ބޭނުމަށް ބަދަލުކުރެވިދާނެ އަގީދާއެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިއަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގައި ހިނގި ހަމަނުޖެހުމާ ގުޅޭގޮތުން ނަޝީދު ވާހަކަފުޅު ދައްކާފައި މިވަނީ ޔޯގާ ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފުކަމެއް ކަމަށް ބުނެ ޔޯގާ ހަރަކާތް ހުއްޓުވައިދިނުމަށް އެދި އެ މިނިސްޓްރީން މިމަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

އިސްލާމިކް މިނިސްޓްރީން އެ ސިޓީގައި ބުނެފައިވަނީ، މެޑިޓޭޝަންގެ ގޮތުގައި ނުވަތަ ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މިސްރުގެ ފަތުވާ ދޭ މަޖިލީސް އިން ނެރެފައިވާ ފަތުވާގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާއި އެއީ ހިންދޫގެ އަޅުކަމާ ގުޅިފައިވާ ކަމެއް ކަމުން އެއީ ކުޅިވަރެއްގެ ގޮތުގައިވެސް ކުޅުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން 2008 ވަނަ އަހަރު މެލޭޝިޔާގެ ގައުމީ ފަތުވާ މަޖިލީސް އިން ނެރެފައިވާ ފަތުވާއެއްގައި ޔޯގާއަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށާއި އެއީ ކުޅިވަރެއްގެ ގޮތުގައިވެސް އަދި އަޅުކަމެއްގެ ގޮތުގައިވެސް ކުރުން ހުއްދަ ނުވާނެ މުސްލިމުންގެ އަގީދާއަށް އަސަރުކުރާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ.

"އިސްވެ ދެންނެވުނު ސަބަބުތަކާ ހުރެ މިފަދަ ކަންތައްތަކަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމަކަށްވާތީ އާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކުރެވިފައިވާ ކަންތައްތަކެއް ކަމުގައިވާތީ އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ،" އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެ ސިޓީ ސޯޝަލް މީޑިއާގައި އާންމުވުމުން މިއަދު ޔޫތް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަހަރުވެސް ޔޯގާ ދުވަސް ފާހަގަކޮށްފައި ވަނީ މީގެ ކުރިން ވެސް އެކަންކުރާ ގޮތަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއާ ގުޅިގެން ކަމަށެވެ. 2014 ވަނަ އަހަރުން ފެށިގެން ޔޫތް މިނިސްޓްރީން ޔޯގާ ހަރަކާތުގައި ބައިވެރިވަމުން އަންނަނީ އެ ހަރަކާތަކީ ކުޅިވަރާއި ކަސްރަތުތަކުގެ ތެރޭގައި ހިމަނައިފައިވާ ހަރަކާތަކަށްވާތީ ކަމަށް ވެސް ޔޫތް މިނިސްޓްރީން ބުންޏެވެ.

"އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަ ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން މި މިނިސްޓްރީއަށް އަންގާފައިނުވާކަމުގައި ދަންނަވަމެވެ." ޔޫތް މިނިސްޓްރީން ބުންޏެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު ވަނީ ދަނޑަށް ވަދެ ހަމަނުޖެހުން ހިންގައިފައެވެ. އެ މައްސަލައިގައި މިހާތަނަށް ވަނީ 19 މީހަކު ހައްޔަރުކޮށްފައެވެ.