Close
ގެރެތު ބޭލް

ބޭލްގެ މިސްރާބު އެމެރިކާ ލީގަށް

ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް، އެމެރިކާ ލީގުގެ ލޮސް އެންޖެލެސް އެފްސީއާ ގުޅުމަށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ހިލޭ ޓްރާންސްފާއެއްގައި ބޭލް ލޮސް އެންޖެލެސް އެފްސީއާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށް ބީބީސީ ސްޕޯޓްސްއިންވެސް ވަނީ ޔަގީން ކޮށްދީފައެވެ. އުމުރުން 32 އަހަރުގެ ބޭލް، ރެއާލް މެޑްރިޑް ދޫކޮށްލާނެކަން މިދިޔަ ސީޒަނަށްފަހު އިއުލާން ކޮށްފައިވާ އިރު، އޭނާ ރެއާލް ދޫކޮށްލީ ނުވަ އަހަރު އެ ކްލަބުގައި ހޭދަކުރުމަށްފަހުއެވެ.

ރެއާލްއާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ބޭލް، އެމެރިކާ ލީގަށް ދާން ނިންމާފައި ވަނީ އޭނާގެ ކުރީގެ ކްލަބު ޓޮޓެންހަމްއާއި ހޯމް ސިޓީއަށް ނިސްބަތްވާ ކާޑިފްއިންވެސް ހުށަހެޅުންތައް ލިބިފައި ވަނިކޮށެވެ.

ވޭލްސް ކާޑިފްއަށް ދާން ވިސްނައި، އެ ކްލަބުގެ މެނޭޖުމަންޓާވެސް ވާހަކަ ދައްކާފައިވެއެވެ. ވޭލްސް ކާޑިފަށް ދާން ވިސްނާފައި ވަނީ ގައުމީ ޓީމާއެކު ކުރިއަށް އޮތް ވޯލްޑް ކަޕަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމަށް ކަމަށް ބެލެވެއެވެ. ކާޑިފްއާއި ވޭލްސް ތަމްރީނުތައް ކުރަނީ އެއް ފެސިލިޓީއެއްގައެވެ. އެ ފެސިލިޓީގައި ވޭލްސްގެ މެޑިކަލް އަދި ފިޓްނަސް ތަޖުރިބާކާރުންވެސް މަސައްކަތް ކުރަމުންދެއެވެ.

ބޭލް 2013 ވަނަ އަހަރު ޓޮޓެންހަމުން ރެއާލްއަށް ދިޔައީ އޭރުގެ ދުނިޔޭގެ ރެކޯޑު އަގެއް ކަމަށްވާ 85 މިލިއަން ޕައުންޑަށެވެ. ރެއާލްގައި ބޭލް ހޭދަކުރި ފުރަތަމަ ސީޒަންތައް ކާމިޔާބުކޮށް ދިޔަނަމަވެސް، އެންމެފަހު ސީޒަންތަކުގައި އެކަށީގެންވާ ފުރުސަތުތައް ލިބިފައެއް ނުވެއެވެ. ރަނގަޅު މެޗުތަކެއް ކުޅުމަށް ބޭލް ފުރުސަތު ހޯދަން މަސައްކަތް ކުރަނީ ވޯލްޑް ކަޕް ކުރިއަށް އޮތުމުންނެވެ. އެހެންކަމުން އޭނާގެ ޓްރާންސްފާއަކީ އެކަމަށް ބަރޯސާވެފައިވާ ޓްރާންސްފާއެއް ކަމަށް ބެލެވެއެވެ.

ބޭލްގެ އެހީތެރިކަމާއެކު ވޭލްސްއިން ނޮވެންބަރު މަހުގެ ގަތަރު ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފިކޭޝަންގެ ޕްލޭ އޮފްގައި ޔޫކްރެއިން ބަލިކޮށްފައެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ވޭލްސް ނުކުންނާނީ 64 އަހަރުގެ އިންތިޒާރަކަށް ފަހުއެވެ.

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) އަށް މިއީ ސީޒަނުގެ މެދުތެރެއެވެ. އެމެރިކާ ލީގަކީ ފެބްރުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށްދާ ގޮތަށް ތާވަލު ކުރާ ލީގެކެވެ. މިއީ ލީގުގެ މިޑް ޓްރާންސްފާ މޫސުމެވެ. ބޭލް ދިޔުމަށް އެއްބަސްވެފައިވާ ލޮސް އެންޖެލެސް އެފްސީއަށް މިހާރު ވަނީ އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލީނީވެސް ގެންގޮސްފައެވެ.