ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅުންހުރި މީހެއްކަމަށް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.

ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަސޫހަކީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ބޭނުންކުރި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު ފިލުވައިގެން އުޅުނު މީހެއް ކަމަށެވެ. ނަސޫހުގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ 60 ދުވަސް ޖަހައިދީފައެވެ.

"ކަނާތް ފަރާތުގައި އެހުރީ ނަސޫހުއަކީ 6 މޭ 2021 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ހިމެނޭ އަދުހަމް ފިލުވައިގެން އުޅުނު މީހާ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އެގޮތަށް ވިދާޅުވި ނަމަވެސް ބޮމުގެ ހަމަލައާ ގުޅިގެން ފުލުހުން ނަސޫހަށް ތުހުމަތެއްކުރިކަން އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަޝީދު އަވަހާރަކޮށްލަން ދިން ބޮން ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލީ އަދުހަމެވެ. އަދުހަމްގެ މައްޗަށް ދައުލަތުން ކުރި ހުރިހާ ދައުވާއަކަށް އިއުތިރާފުވެ އޭނާ ވަނީ އިއުތިރާފުގެ އެއްބަސްވުމެއްގައި ދައުލަތާއެކު ސޮއިކޮށްފައެވެ.

މިހާރު އަދުހަމްއަކީ ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާކުރި އެހެން މީހުންނާ ދެކޮޅަށް ބޭނުންކުރާ މުހިންމު ހެކިވެރިއެކެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ނަސޫހުގެ އިތުރުން ފުލުހުން ވަނީ ދިހަ މީހަކު ހައްޔަރުކޮށްފައެވެ. އެމީހުންގެ ތެރޭގައި ޕީޕީއެމް ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލާއި އެޕާޓީގެ އެކްޓިވިސްޓެއްކަމަށްވާ އިބްރާހީމް ރައްޒާން ހިމެނެއެވެ. މުހައްމަދު އިސްމާއީލްގެ ބަންދަށް މިއަދު ފަސް ދުވަސް ޖަހާފައިވާ އިރު، ރައްޒާންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.

މީގެ އިތުރުން ޔޯގާ ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޝެއިހް އާދަމް ނިޝާނާއި ޝެއިހު ފަޒްލޫން މުހައްމަދުގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.

އެ ހަމަނުޖެހުމުގައި ހައްޔަރުކުރި އަބްދުﷲ ރިފާއު، މުހައްމަދު ނަދީމް، މުހައްމަދު މައުސޫމް، މުހައްމަދު ހުސެއިން އަދި އަމީން އަހުމަދުގެ ބަންދަށް އިއްޔެ ވަނީ 60 ދުވަސް ޖަހައިފައެވެ.

ދެން އެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މުހައްމަދު ޒިލްޔަން އާއި ޝާމީ ރަޝާދު އިދްރީސް ފަސް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.