ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ޝެއިހް އާދަމް ނިޝާނާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލް އަދި ޝެއިހު ފަޒްލޫން މުހައްމަދުގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން މުހައްމަދު އިސްމާއީލްގެ ބަންދަށް ފަސް ދުވަސް، ޝެއިހު ނިޝާނާއި ޝެއިހު ފަޒްލޫންގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިފައިވާ ކަމަށެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން އިއްޔެ ހައްޔަރުކުރި އަހްމަދު ނަސޫހާއި އަބްދުﷲ ރިފާއު ވަނީ 60 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. އަދި ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އިބްރާހިމް ރައްޒާން ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު 60 ދުވަހަށް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އިއްޔެ އަމުރުކުރި އިރު، އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
- ކ. ތުލުސްދޫ/ ވީނަސް، މުހައްމަދު ނަދީމް (43އ)
- މއ. ކަނުހުރާ/ މުހައްމަދު ޒިލްޔަން (37އ)
- ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ)
- ތ. މަޑިފުށި/ ހެޕީސައިޑް، މުހައްމަދު މައުސޫމް (40އ)
- ހއ. ތުރާކުނު/ ގްރީންހައުސް، މުހައްމަދު ހުސައިން (47އ)
- ގދ. ރަތަފަންދޫ/ ލިލީޕާކް، އަމީން އަހުމަދު (35އ)
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް އިއްޔެ ވިދާޅުވެފައިވަނީ، އެމީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުހައްމަދު ނަދީމާއި މުހައްމަދު މައުސޫމާއި މުހައްމަދު ހުސައިންގެ އިތުރުން އަމީން އަހުމަދު ކަމަށެވެ. މުހައްމަދު ޒިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްގެ މައްޗަށް ޖެހީ ފަސް ދުވަސް ކަމަށްވެސް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
ދަނޑަށް އަރައިގަތް މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަމުންދާ އިރު، މައްސަލައިގައި ޝާމިލުވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ ހަމަނުޖެހުމުގެ އަޑީގައި ތިބީ ޕީޕީއެމްގެ ލީޑާޝިޕުގެ ބޭފުޅުންނެވެ. ހަމަނުޖެހުން ހިންގި މީހުންނަށް ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް މުހައްމަދު އިސްމާއީލު ހަވާލުކުރާ ފޮޓޯޓަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު އަންގާރު ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ، ފުލުހުން ޕީޕީއެމްއަށް ކުރާ ތުހުމަތުތައް ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޕީޕީއެމުން މިދިޔަ އަންގާރަ ދުވަހު ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ ފުލުހުންގެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު