ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބޭރު ކޯޗުންނާއި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދީ، ދިވެހި ކުޅުންތެރިންނަށް ފައިސާ ދޭނެ ހާއްސަ އުސޫލެއް ހަދަން މަސައްކަތް ކުރަން ފަށައިފިއެވެ.

ނިއުއިން ފީފާއަށް ދެއްކުމަށް ހަވާލުކޮށްފައިވަނީ ބިދޭސީ ކުޅުންތެރިންގެ މުސާރައިގެ އިތުރުން ޖޫރިމަނާތަކެވެ. އެ އަދަދުތައް ގާތްގަނޑަކަށް 3.3 މިލިއަން ރުފިޔާއަށް އަރާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނިއުއިން ބިދޭސީ ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާ ދައްކައި، މިހާރު އެފްއޭއެމްއިން ދަނީ ފީފާއާއެކު ކުޅުންތެރިންނަށް ފައިސާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނިއުއަށް ފީފާގެ ސަސްޕެންޝަނުން ސަލާމަތް ވެވޭނީ ފައިސާ ލިބުނުކަން އެ ކުޅުންތެރިން ފީފާއަށް އެންގުމުންނެވެ.

އެފްއޭއެމްގެ ސަސްޕެންޝަނުން ސަލާމަތްވުމަށް ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ، އެކި ފަހަރު މަތިން ދޭ ގޮތަށް އެއްބަސްވުމެއް ހަދައިގެން ދޭންވެސް ނިއުއިން ވަނީ، ކުޅުންތެރިންނާއެކު އެއްބަސްވުމަކަށް މަސައްކަތް ފަށައިފައެވެ. ފީފާގެ ސަސްޕެންޝަން އުވާލެވުމާއެކު ނިއުއަށް ޓްރާންސްފާ ބޭން ލިފްޓުވެ، ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނެއެވެ.

ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. ބިދޭސީ އަދި ދޭސީ ކުޅުންތެރިންނާއި ކޯޗުންނަށްވެސް ބޮޑެތި އަދަދުތަކުން ނުދީ އޮތް މުސާރަތަކުގެ މައްސަލައިގައި ނިއު ރޭޑިއަންޓް ފުރަތަމަ ސަސްޕެންޑް ކުރީ އެފްއޭއެމުންނެވެ. އޭގެ ފަހުން ބިދޭސީ ކޯޗުންނާއި ކުޅުންތެރިންގެ މައްސަލަތައް ބަލައި، ފަހުން ފީފާއިންވެސް ވަނީ ނިއު ރޭޑިއަންޓް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފައެވެ.

ނިއު އަލުން ފުޓުބޯޅައަށް ގެނައުމަށް އެކި ފަހަރު މަސައްކަތްކޮށް، އެންމެފަހުން ހަރުދަނާ ފިޔަވަޅެއްގައި އެކަން ކުރަން ފެށީ އަހުމަދު ވާސިފް ޗެއާމަނު ކަމަށް އިންތިހާބު ކޮށްގެންނެވެ. އެ މަސައްކަތަށް އެފްއޭއެމްއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބެކިން ދީފައިވާ އިރު، އެފްއޭއެމްއިން އެންމެފަހުން ބޭއްވި އާންމު ޖަލްސާގައި ނިންމާފައި ވަނީ ދަރަނި އަދާކުރުމުން، "އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް"އަކަށް ނުގޮސް، ނިއުގެ ސަސްޕެންޝަން އެފްއޭއެމް ބޯޑަށް އުވާލެވޭނެ ގޮތަށެވެ.

ނިއުއިން މިހާރު މަސައްކަތްކުރަމުން އަންނަނީ އަންނަ ޖުލައި ހަތަރުވަނަ ދުވަހު ފަށާ ދެވަނަ ޑިވިޝަން މުބާރާތުގައި ވާދަކުރުމަށްޓަކައި، ވީ އެންމެ އަވަހަކަށް ފައިސާގެ ކަންކަން ނިންމައި ސަސްޕެންޝަނުން ސަލާމަތްވުމަށެވެ.

ނިއުއިން ދެވަނަ ޑިވިޝަނަށް ވަމުންދަނީ ސްކޮޑެއްވެސް އެކުލަވާލައިގެންނެވެ. އެއީ އޭއެފްސީން ނިއުގެ ސަކްސެސާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރޭޑިއަންޓްގެ ކޯޗަކަށްވެސް އިއުލާންކުރި ކުރިން ނިއުގެ ފަހަތަށް ކުޅުނު ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗު ކަމުގައެވެ.