ބަޔާން މިއުނިކް

ބަޔާންއިން ލެވަންޑޯސްކޯ ދޫކުރަން ބޭނުމެއް ނުވޭ

ބަޔާން މިއުނިކް ދޫކޮށްލަން ރޮބާޓް ލެވަންޑޯސްކީ އެދުނު ނަމަވެސް، ކްލަބުން އެކަމަށް އިޖާބަދޭން ބޭނުންނުވާ ކަމުގެ އިޝާރާތެއް ދީފިއެވެ.

ބަޔާންއަށް 2014 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކުޅެމުން އަންނަ ލެވަންޑޯސްކީ ވަނީ މިހާތަނަށް އެ ކްލަބަށް 253 މެޗު ކުޅެ، 238 ގޯލު ޖަހައިދީފައެވެ. ލެވަންޑޯސްކީ ވަނީ ބަޔާންއާއެކު ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ. އޭގެ އިތުރުން އަށް ފަހަރަށް ޖަރުމަނު ލީގުވެސް ލެވަންޑޯސްކީ ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2023 އަހަރު ޖޫން މަހުގެ ނިޔަލަށެވެ.

އެހެން ނަމަވެސް މިދިޔަ ސީޒަން ނިންމުމަށްފަހު ލެވަންޑޯސްކީ ބުނެފައި ވަނީ އޭނާގެ ބަޔާން ކެރިއަރު ނިމިފައިވާ ކަމަށާއި، ކްލަބު ދޫކޮށްލަން ރަސްމީކޮށް އެދުނު ކަމަށެވެ. އަދި އެކަމަށް ކްލަބުން ޕްރޮފެޝަނަލް ގޮތެއްގައި އަމަލުކޮށްދޭންވެސް ލެވަންޑޯސްކީ އެދުނެވެ.

"ބަޔާންގެ ދަތުރު އަހަންނަށް ނިމިއްޖެ. މި ކްލަބާއެކު އިތުރަށް އަހަރެން ކުރިއަށްދާނެ މަގެއް ނުފެނޭ، ބަޔާންއަކީ ސީރިއަސް ކްލަބެއް. އަހަރެން ދެކެނީ ބަޔާންއިން އަހަރެން ހިފަހައްޓަން މަސައްކަތް ނުކުރާނެ ކަމަށް. އަހަރެން ކްލަބަށް ކުޅެން ބޭނުން ނުވާތީ. އަހަރެން އުންމީދުކުރަނީ ބަޔާންއިން އަހަރެން ނުހުއްޓުވާނެ ކަމަށް. އަހަރެންގެ ކޮންޓްރެކްޓް 2023 އަށް ހަމަވާން އޮތް ނަމަވެސް. އަހަރެން ރަސްމީކޮށް ކްލަބާއެކު ވާހަކަ ދައްކާނަން ބައިނަލްއަގުވާމީ މެޗުތަކަށް ފަހު،" 2020 އަދި 2021 ވަނަ އަހަރު ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލެވަންޑޯސްކީ ބުންޏެވެ.

އެހެން ނަމަވެސް ބަޔާންއިން އަދިވެސް ލެވަންޑޯސްކީ އެދުނު ގޮތަށް މަޝްވަރާތައް ކޮށްފައެއް ނުވެއެވެ. ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސާލިހަމް ޒިކް، ޖަރުމަނު ނޫސްތަކަށް ވާހަކަ ދައްކަމުން ބުނެފައި ވަނީ 2023 އާ ހަމައަށް ލެވަންޑޯސްކީގެ އެއްބަސްވުން ބަޔާންއާއެކު ހަދާފައިވާ ކަމަށާއި، އަންނަ މަހު 12 ވަނަ ދުވަހު ފަށާ ޕްރި ސީޒަނުން ތަމްރީނުތަކުގައި ބައިވެރިވާން ލެވަންޑޯސްކީ ކްލަބަށް ދާން ޖެހޭނެ ކަމަށެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ބަޔާން ދޫކޮށް ލެވަންޑޯސްކީ ދާން ބޭނުން ވަނީ ބާސެލޯނާއަށެވެ. ބާސާއާއެކު އަނގަބަހުން އެެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. ލެވަންޑޯސްކީއަށް ފަސޭހަ ގޮތުގައި ޓްރާންސްފާއެއް ނިންމަން ބަޔާންއިން އެކަމަށް ދޫ ދޭން ޖެހެއެވެ.