ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ރުވާންޑާއަށް ފުރާވަޑައިގެންފި

މުހައްމަދު އިޝާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރުވާންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

އެދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ސޯލިހުގެ އެ ދަތުރުފުޅަކީ ރުވާންޑާގެ ކިގާލީގައި މިމަހުގެ 20 ވަނަ ދުވަހުން 25 ވަނަ ދުވަހަށް ކުރިއަށްދާ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހުގެ އެ ދަތުރުފުޅަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާއި ހެޔޮވެރިކަމާއި ގައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި ދުނިޔޭގެ ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައާއެކު، ހާއްސަކޮށް ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއެކު ރާއްޖެއިން މަސައްކަތްކުރުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަ ގައުމުތައް ބައިވެރިވާ އެފަދަ ފޯރަމްތަކުގެ ޒަރިއްޔާއިން އެންމެން ޝާމިލުވާ، ހަރުދަނާ އަދި ތިމާވެށްޓާ މެދު ހޭލުންތެރި މުޖުތަމައުތަކެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ހޯދަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ބާއްވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާ ކުރުމަށާއި ބައިނަލްއަގްވާމީ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސް ސޯލިހު މަޝްވަރާކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.