ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަދު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުން ސަލާމަތީ ފިޔަވަޅުތައް އަޅައިފައިނުވާތީ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
އެމްއެންޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް ބޭއްވި ޔޯގާ އިވެންޓް ހުއްޓުވުމަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުން އެމްއެންޕީގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ސިޔާސީ ފައިދާއަށް ދީން ހަތިޔާރެއްގެ ގޮތުގައި ނެގުމަކީ އެޕާޓީން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ސިޔާސީ މަންފާ ހޯދުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
ޔޯގާ އިވެންޓް ހިނގަމުންދިޔަ ވަގުތު ސްޓޭޑިއަމްގައި ތިބި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނާއި ބޭރު ގައުމުތަކުގެ އިއްޒަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމަކީ ކަންބޮނޑުވާ ކަމެއް ކަމަށްވެސް އެމްއެންޕީން ބުންޏެވެ.
"މިފަދަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް އަންދާޒާކުރެވޭނެފަދަ ގޮތްގޮތަށް ފާއިތުވި ދެތިން ދުވަހު އާންމުންގެ ތެރޭގައި އަދި ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވުމާއި މިއިވެންޓް ކުރިޔަށް ގެންދިއުމަށް އާންމުންގެ ތެރެއިން ގިނަ ބައެއްގެ ނުރުހުން އޮތްކަން ސާފުކޮށް އެނގެން އޮތްއިރުވެސް ފުލުހުން މިކަމަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުވެފައި ނެތްކަން ފާހަގަކުރެވެ،" އެމްއެންޕީން ބުންޏެވެ.
ޔޯގާ އިވެންޓު ބޭއްވުމަށް އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުން އޮތްއިރު އެކަމަށް ބެލުމެއް ނެތި އެ އިވެންޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވަނީ އެ އިވެންޓްގައި ބައިވެރިވި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާލުމެއް ނެތިކަމަށާއި ސަރުކާރުން އެފަދަ ނިންމުންތައް ނިންމުމުގައި ވީހާވެސް ޒިންމާދާރުކަމާއެކު ކުރިޔަށް ދިއުމަކީ މުހިންމުކަމެއް ކަމަށް އެމްއެންޕީން ބުންޏެވެ.
ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ. ދަނޑުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ފުލުހުންގެ ފައުޖެއް އެތަނަށް ގޮސް، ޕެޕާ ސްޕްރޭ ޖަހައި ހަ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި އެއްވެސް ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.
ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވަނީ އެކަމުގައި ޕީޕީއެމްގެ ލީޑަޝިޕްގެ ފަރާތްތަކާއި ޖަމިއްޔަތުލް ސަލަފުގެ ބައިވެރިކަން އޮތް ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ސަލަފުން ވަނީ އެކަން ދޮގުކޮށް، އެ ހަމަނުޖެހުމުގައި އެ ޖަމިއްޔާގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފައެވެ.
ފުލުހުން މިހާރު އެމައްސަލަ ތަހުގީގު ކުރަމުންދާއިރު، ހަމަނުޖެހުން ހިންގުމުގައި ބޭނުންކުރި ބައެއް އާލާތްތަށް ނެރުނީ ޕީޕީއެމްގެ އޮފީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޕީޕީއެމުން އެކަން ދޮގުކޮށް ބުނީ، އެ ހަމަނުޖެހުގައި ޕީޕީއެމުން އެއްވެސް މިންވަރަކަށް ބައިވެރިވެފައި ނުވާނެ ކަމަށެވެ. އެ ހަމަނުޖެހުން ހިންގާފައިވަނީ އެކަމަށް ފުރުސަތު ދިނުމުން ކަމަށާއި ތަހުގީގާ ގުޅިގެން ފުލުހުންނަށާއި ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމަށާއި އެ ތަހުގީގު އަވަހަށް ނިންމުމަކީ އެކޯލިޝަނުންވެސް އެދޭ ގޮތް ކަމަށެވެ.
އިލެކްޝަން ކޮމިޝަން (އީސީ) ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު "ވަން" އަށް ވިދާޅުވީ، ޕީޕީއެމަށް ކުރާ ތުހުމަތު ސާބިތުވެއްޖެނަމަ އެޕާޓީއަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މިއަދު ވަޒީރުންގެ މަޖިލީހުން ވަނީ އެ ހަމަނުޖެހުމުގެ މައްސަލަ ބަލަން ވަޒީރުން ހިމެނޭ ސަބްކޮމިޓީއެއްވެސް އުފައްދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު