މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުގައި ފޮރުވާފައި ހުއްޓައި އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅި މައްސަލަ ބަލަން ބޭއްވި އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވުނު ދެ މީހުން ކަމަަށްވާ އަހުމަދު ހުސައިންއާއި އަބުދުﷲ ނަޝީދު މިހާރު ވަނީ ބަންދުން ދޫކޮށްލައިފައެވެ. އެމީހުން ދޫކޮށްލީ އެ މައްސަލަައިގައި އެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމުންނެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުން، އެ ދެ މީހުންނަށް ދައުވާ ނުކުރަން ނިންމީ ތިން ކަމެއްގެ މައްޗަށް ބިނާކޮށެވެ. އަދި ނިންމުންތަކުގައި ފުލުހުންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. އެ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކަކަަށްވާތީ އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް އިތުރަށް ބެލުމަށް 241 ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.
މިއަދުގެ ބައްދަލުވުން ސިއްރު ކުރައްވަމުން 241 ކިމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ މައްސަލައަކީ މީގެ ކުރިންވެސް ތަހުގީގު ކޮށްފައިވާ މައްސަލައެއް ކަމަށާއި އަދި އެއީ ކުރިއަށް އޮތް ތަނުގައި އިތުރަށް ތަހުގީގުކޮށް ޝަރީއަތުގެ މަރުހަލާ ކުރިއަށްދާނެ ކަމަށް ބެލެވޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ބެހޭ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޑްރަގް މައްސަލައިގައި ތުހުމަތު ކުރެވުނު ދެ މީހުންނަށް ދައުވާ ނުކުރަން ނިންމި ނިންމުންތަކުގެ ތެރެއިން ފުރަތަމަ ކަމެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައި ވަނީ، ޑްރަގު ފޮރުވާފައި ހުރި މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގައި އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބި، ފުލުހުން އެ ގެ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުމާއި ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތް އިރު، އެ ގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވުމާއި މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ އެ ގެއަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައި ވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ހިލާފަށް ކަމުގައިވުމެވެ.
ދެވަނަ ކަމަކަށް ފާހަގަކޮށްފައި ވަނީ، އެ މައްސަލައިގެ ސީންގައި ކަންވީ ގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވުން ކަމަށް ޕީޖީން ބުންޏެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ޕީޖީން ފާހަގަ ކޮށްފައިވަނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރި އިރު، އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތުމާއި މައްސަލައިގައި ހޯދިދާނެ ކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވުމުގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާއި ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވުމެވެ.