ހުޅުމާލޭ ފޭސް ދޭއްގައި އިމާރަތްކޮށްފައިވާ ވިނަރެސް ފުލެޓުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަޜޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.
ވިނަރެސް ފުލެޓު އިމާރާތްކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިންނެވެ.
ހުޅުމާލޭ ފޭސް ދޭއްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސީއެމްއީސީން ވަނީ ވިނަރެސް ފުލެޓުތައް އެޗްޑީސީއާ ހަވާލުކޮށްފައެވެ. ސީއެމްއީސީގެ ފަރާތުން ވިނަރެސް ފުލެޓުތައް އެޗްޑީސީއާ ހަވާލުކޮށްދެއްވީ އެކުންފުނިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބް ލިއު ޝައުޑާއެވެ. އަދި އެޗްޑީސީގެ ފަރާތުން އެ ފްލެޓްތަކާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ ގޮތުން އިމާރަތްކުރި ވިނަރެސް ފުލެޓުތަކުގައި ތިން ކޮޓަރި ހުރެއެވެ. އެ މަޝްރޫއުގެ ދަށުން 13 ބުރީގެ 10 ޓަވަރު އަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 1،344 އެޕާޓްމަންޓެވެ.
މިއަދުގެ ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ސީއެމްއީސީގެ ޗެއާމަން ޗެއާމަން ސަން ބައި ވިދާޅުވީ، ކޮވިޑާ އެކު މަސައްކަތް ކުރިއަށް ގެންދިއުމަށް އެތައް ގޮންޖެހުންތަކެއް ދިމާވި ނަމަވެސް ދިވެހި ސަރުކާރުގެ އެހީގައި އެކަމުން އަރައިގަނެ މަސައްކަތް ނިންމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި އިތުރަށް އެ ކުންފުނިން ބައިވެރިވާން ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސީއެމްއީސީ ފޭސް ދޭއްގައި ކުރަމުންދާ އިލެކްޓްރިސިޓީ ސިސްޓަމާއި އޯޕަން އެކްސެސް ނެޓްވޯކިންގެ މަސައްކަތް 2023 ވަނަ އަހަރަށް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.
އެޗްޑީސީގެ އެމްޑީ ސުހެއިލް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވިނަރެސްއަކީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދެވަނައަށް އެންމެ ބޮޑު ހައުސިން ޕްރޮޖެކްޓް ކަމަށެވެ.
ސުހެއިލް ވިދާޅުވީ ހުޅުމާލެ ހިއްކައި 430 ހެކްޓަރުގެ ރަށަކަށް އެރަށް ހަދާފައިވާ އިރު، އެތަނުގައި 200،000 އަށް ވުރެ ބޮޑު އާބާދީއެއް އެބައޮތް ކަމަށެވެ.
ހުޅުމާލޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރު، 2009 ވަނަ އަހަރުން ފެށިގެން އެ ތަރައްގީގެ މަސައްކަތުގައި ސީއެމްއީސީއިން ބައިވެރިވަމުން އަންނަ ކަމަށް ސުހެއިލް ވިދާޅުވިއެވެ.
އެގޮތުން 2012 ވަނަ އަހަރު މަސަައްކަތް ނިންމާލި 1000 ޔުނިޓާއި 2016 ގައި މަސައްކަތް ނިންމާލި 704 ޔުނިޓްގެ މަސައްކަތް ސުހެއިލް ފާހަގަކުރެއްވިއެވެ.
ސުހެއިލް ވަނީ ހުޅުމާލޭގެ ތަރައްގީއަށް ޗައިނާ ސަރުކާރުން ވަމުންދާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
އެ ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ސީއެމްއީސީން ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގަމުންދާތާ 13 އަހަރު ވެފައިވާ ކަމަށާއި ދިވެހިންނަށް ބޭނުންވާ ކޮމްޕޮޓަބަލް ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުނިން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ސީއެމްއީސީން ވިނަރެސް ފުލެޓުތައް އެޅުމަށް ބޭނުން ކޮށްފައިވަނީ ކޮލިޓީ މެޓީރިއަލްތައް ކަމަށާއި ވިނަރެސް ފުލެޓުގެ ޑިޒައިނާއި ލޮކޭޝަނުގެ ސަބަބުން އެ މަސައްކަތް އިތުރަށް ފުރިހަމަވާ ކަމަށެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް މިއަހަރު 50 އަހަރު ފުރޭއިރު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ވިނަރެސް ފުލެޓް އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ސީއެމްއީސީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.