އިންޓަ މިލާނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޗެލްސީގެ ރޮމެލޫ ލުކާކޫ އަލުން އެ ކްލަބަށް ގެންދިޔުމުގެ އިތުރުން ޔުވެންޓަސްގެ ޕައުލޯ ޑީބާލާވެސް އެ ކްލަބަށް ގެންދަން ކަމަށް ސީއީއޯ ގިއުސޭޕީ މަރޯޓާ ވިދާޅުވެއްޖެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރު ސީޒަނުގެ ނިޔަލަށް ލުކާކޫ ކުޅެފައި ވަނީ އިންޓައަށެވެ. އެ ދެ ސީޒަނުގައި އިންޓައަށް ލުކާކޫ ރަނގަޅު ފޯމެއް ދައްކާފައިވާ އިރު، އޭނާ ވަނީ ކުޅުނު 72 މެޗުން 47 ގޯލު ޖަހައިދީފައެވެ. 2021 ވަނަ އަހަރުގެ ސީޒަނުގައި އިޓަލީ ލީގުގެ ޗެމްޕިއަންކަންވެސް ލުކާކޫ ހޯދި އިރު، އޭގެ ފަހުން މިދިޔަ ސީޒަނަށް ވަނީ ޗެލްސީއަށް ބަދަލުވެފައެވެ.
ޗެލްސީގައި ލުކާކޫގެ ފޯމު ދަށްކޮށް ފެނުނު އިރު، އޭނާ ކުޅުނު 26 މެޗުން ޖެހުނީ އެންމެ އަށް ގޯލެވެ. މިދިޔަ ސީޒަނުގެ މެދު ތެރެއިން ލުކާކޫ ވަނީ އަނބުރާ އިންޓައަށް ދާން ބޭނުންވާ ކަމަށްވެސް ވާހަކަތައް ދައްކާފައެވެ. ޗެލްސީއާ އޭނާއާ ދޭތެރޭ އެ މަޝްވަރާތައްވެސް ކުރިއަށް ގޮސްފައިވާއިރު، މިހާރު ޗެލްސީއާއި އިންޓައިން ވާހަކަ ދައްކަމުން އަންނަނީ ލޯނު އެއްބަސްވުމެއްގައި ލުކާކޫ އިންޓައަށް ފޮނުވައިލުމަށެވެ. ލޯނު އެއްބަސްވުމެއްގައި ލުކާކޫ ފޮނުވައިލަން ޗެލްސީން މަސައްކަތް ކުރަނީ އިންޓައަށް ފައިސާގެ މައްސަލަތައް ދިމާވެފައިވާތީއެވެ.
"އަހަރެމެން މަސައްކަތް ކުރަމުން އަންނަނީ ލުކާކޫއާއި ޑީބާލާގެ ސޮއި ހޯދަން. އެކަމަކު އެ ޓްރާންސްފާތަކުގެ ކަންކަން ބަރޯސާ ވާނީ ފައިސާގެ ހާލަތަށް. އެ ދެކުޅުންތެރިންގެ އިތުރުން ބްރެމާއަކީވެސް އަހަރެމެން ބޭނުންވާ ކުޅުންތެރިއެއް،" މަރޯޓާ ވިދާޅުވިއެވެ.
ޑީބާލާ މިވަގުތު ހުރީ ޔުވެންޓަސް ދޫކޮށްލަން ތައްޔާރަށެވެ. އޭނާ ޔުވެންޓަސް ދޫކޮށްލަން ބޭނުންވާ މައިގަނޑު ސަބަބަކީ ޔުވެންޓަސްގެ ފުރަތަމަ 11 އިން ފުރުސަތު ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީއެވެ.
އިންޓައަށް ފައިސާގެ މައްސަލަތައް ކޮންމެވެސް ވަރަކަށް ކުރިމަތިވެފައިވާ އިރު، ލުކާކޫ ފަދަ ކުޅުންތެރިން ގެންދަން އެ ކްލަބުން ބައެއް ކުޅުންތެރިން ވިއްކާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ސެންޓަ ޑިފެންޑަރު މިލާން ސްކްރިނިއާ ހިމެނެއެވެ. ސްކްރިނިއާ ހޯދަން ޕީއެސްޖީން ބުރަކޮށް މަސައްކަތް ކުރަމުން އަންނައިރު، ޗެލްސީންވެސް ސްކްރިނިއާއަށް ލޯ އަޅަމުން ދެއެވެ.