އިޓަލިއަން ސެރެއާ އޭގައި ނަޕޯލީއާއި ކޯމޯ ވާދަކުރި މެޗު 0-0 އިން އެއްވަރުވުމާއެކު، އިންޓަ މިލާނުން ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފިއެވެ.

ކޯމޯއާއި ނަޕޯލީ، ކޯމޯ ދަނޑުގައި ރޭ ކުޅުނު މެޗުން އެއްވަރުވުމާއެކު އިންޓައަށް މިރޭ ޕާމާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްގެންވެސް ލީގު ޔަގީން ކުރެވިދާނެއެވެ. އެއީ ނަޕޯލީއަށްވުރެ ނުވަ ޕޮއިންޓް އިތުރަށް ހޯދައިގެން ތާވަލުގެ އެއްވަނައިގައި އޮތުމުންނެވެ. އިންޓައިން 34 މެޗުން 79 ޕޮއިންޓް ހޯދާފައިވާ އިރު، ނަޕޯލީ ދެވަނައިގައި އޮތީ 35 މެޗުން 70 ޕޮއިންޓާއެކުގައެވެ.

ކޯމޯއަށްވެސް ރޭގެ މެޗު އެއީ މުހިއްމު މެޗެކެވެ. އެޓީމުން ޗެމްޕިއަންސް ލީގު ޖާގައަކަށް މަސައްކަތް ކުރަމުންދާ އިރު ރޭ އެއްވަރުވުމުން ހަތަރު ވަނައަށް އަރަން ކުރަމުންދާ މަސައްކަތަށް ވަނީ ހުރަސްތަކެއް ދިމާވެފައެވެ. އެގޮތުން ކޯމޯ ފަސްވަނައިގައި އޮތީ 35 މެޗުން 62 ޕޮއިންޓާއެކުގައެވެ. ޔުވެންޓަސްއިން މެޗެއް މަދުން ކުޅެ، ހަތަރު ވަނައިގައި އޮތީ 64 ޕޮއިންޓާއެކުގައެވެ.

ރޭ ކުޅުނު މެޗުގައި ބޮޑަށް ނުރައްކާ ކުރީ ސެސް ފެބްރިގާސް ކޯޗުކަން ކޮށްދެމުންދާ ކޯމޯއިންނެވެ. ޓާސޯސް ޑޯވީކަސްއަށް ލިބުނު ފުރުސަތު އޭނާ ނަގާލި އިރު، އިވާން ސްމޮލްސިޗަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ މަތަކުރީ ނަޕޯލީގެ ކީޕަރު ވަންޖާ މިލިންކޮވިޗް-ސަވިޗެވެ.

ދެވަނަ ހާފުގައިވެސް ކޯމޯއިން ބޮޑަށް ނުރައްކާ ކުރި އިރު، އަނެއްކޮޅުން ސްކޮޓް މެކްޓޮމިނޭއަށް ލިބުނު ފުރުސަތުގައި އޭނާއަށްވެސް ބޭނުން ހިފިފައެއް ނުވެއެވެ.