ރޭ ކުޅުނު ކޮޕާ އިޓާލިއާ، އިޓާލިއަން ކަޕްގެ ފައިނަލް މެޗުގައި ލާޒިއޯ ބަލިކޮށްގެން އިންޓަ މިލާނުން 10 ވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބު ކޮށްފިއެވެ.

އިންޓައިން މި ސީޒަނުގެ ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، ރޭ ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު ފައިނަލުގައި ލާޒިއޯ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން ލީގުގައިވެސް އިންޓައިން ލާޒިއޯ ކައިރިން 3-0 އިން މޮޅުވެފައިވާ އިރު، ރޭގެ ފައިނަލަށް ނުކުތީވެސް އެ ރޫހުގައެވެ.

ކުރީކޮޅުގައިވެސް އިންޓައިން މެޗު ޑޮމިނޭޓް ކޮށްފައިވާ އިރު، 14 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. ފެޑެރީކޯ ޑިމާކޯ ނަގައިދިން ކޯނަރުގައި މާކަސް ތުރާމް ބޮލުން ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ އެޑަމް މަރުސިޗެވެ. އޭގެ އިރުކޮޅެއްފަހުން ޑެންޒެލް ޑަމްފްރީސް އުފެއްދި ހަމަލާ ބްލޮކް ކޮށްލީ ނޫނޯ ޓަވަރޭސްއެވެ.

އިންޓައިން ދެވަނަ ގޯލްވެސް ޖެހީ ފުރަތަމަ ހާފުގައެވެ. ހާފު ނިމެން ދަނިކޮށް 35 ވަނަ މިނެޓުގައި އިންޓަގެ ދެވަނަ ގޯލް ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްއެވެ. އެއީ ޓަވަރޭސްގެ އަތުން ހެދުނު ގޯހަކުން ޑަމްފްރީސް ބޯޅަ ހޯދައިގެން ތަނަވަސްކުރި ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ.

މެޗަށް އަނބުރާވަނުމަށް ލާޒިއޯއިން ކުރި މަސައްކަތުގައި ޕިއޮޓާ ޒިއެލިންސްކީގެ ނުރައްކާތެރި ހަމަލާއެއް ފެނުނު ނަމަވެސް، އެ ހަމަލާ އެޑޮއާޑޯ މޮޓާ މަތަކުރިއެވެ. އަދި ގުސްޓޭވް އިސަކްސެންގެ ހަމަލާ ބޭރަށް ދިޔަ އިރު، އިންޓައިން ލީޑު ފުޅާކުރަން ކުރި މަސައްކަތްވެސް ފަހުން ކާމިޔާބެއް ނުވިއެވެ.

މިއީ 2010 ވަނަ އަހަރުފަހުން އިންޓައިން ޑޮމެސްޓިކް ދެ ތަށި ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ 2023 ވަނަ އަހަރު ފަހުން އެޓީމުން އިޓާލިއަން ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.