ވޮލީ ބޯލް

އެއްވަނަ ޓީމުގެ ގޮތުގައި ސިޓީ ފައިނަލަށް، ވެމްކޯ ޕްލޭއޮފަށް

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިހާރު ކުރިއަށްދާ ވީއޭއެމް އެސޯސިއޭޝަން ކަޕުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސީދާ ތިން ސެޓު އޮއްފު އެފްސީ ބަލިކޮށް ސްޕޯޓްސް ކްލަބު ސިޓީން ފައިނަލުގެ ޖާގަ ހޯދި އިރު، މިރޭ ކުޅުނު މެޗުގައި ޕޮލިސް ކްލަބު ވަލިކޮށް، ކްލަބު ވެމްކޯއިން ޕްލޭއޮފްގެ ޖާގަ ޔަގީންކޮށްފިއެވެ.

މިފަހަރުގެ މުބާރާތުގެ ފޯމެޓުގައި ވާގޮތުން ލީގު ބުރު ނިމޭ އިރު، އެއްވަނަ ހޯދާ ޓީމު ސީދާ ފައިނަލަށް ދާނެއެވެ. ދެން ފައިނަލަށް ދާ ޓީމު ކަނޑައަޅާނީ ލީގު ބުރު ނިމޭ އިރު، ދެވަނައިގައި އޮންނަ ޓީމާއި ތިންވަނައިގައި އޮންނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗަކުންނެވެ.

މިއަދު ހަވިީރު ކުޅުނު މެޗުގައި ސިޓީން ސީދާ ތިން ސެޓުން އޮއްފު ބަލިކުރުމުން ސިޓީއަށް އެއްވަނަ ވަނީ ޔަގީންވެފައެވެ. ވެމްކޯ ޕްލޭއޮފަށް ދިޔައީ މިރޭ ޕޮލިސް ކައިރީ ފަހަތުން އަރައި 3-1 ސެޓުން މޮޅުވެގެންނެވެ. އެ ނަތީޖާއާއެކު ޕޮލިހަށް ވަނީ ޕްލޭއޮފްގެ އަމިއްލަ ބާރު ގެއްލިފައެވެ. މިހާރު އޮތް ގޮތުން ޕޮލިހުން ޖެހޭނީ މާދަމާރޭ ގުޑީސް އާއި ސިފައިން ކުޅޭ މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރާށެވެ. އެއީ ގުޑީސް އަތުން ސިފައިން ފަސް ސެޓަށް ނުގޮސް ބަލިވެއްޖެނަމަ ޕޮލިހަށް ޕްލޭއޮފުގެ ޖާގަ ލިބޭނެއެވެ. ޕްލޭއޮފަށް ދާން ގުޑީސް ކައިރިން ސިފައިންނަށް ބޭނުންވަނީ ޕޮއިންޓެކެވެ.

މިއަދު ހަވީރު މެޗު ފެށިގެން ރަނގަޅު ފޯމެއްގައި ކުޅުނު ސްޕޯޓްސް ކްލަބު ސިޓީން ސެޓުތައް ގެންދިޔައީ 25-12، 25-13 އަދި 27-25 އިންނެވެ. ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި ބިދޭސީ އެޓޭކަރު ވިނީތު ކުމާރުގެ ބާރު ހަމަލާތައް ސިޓީގެ ފަރާތުން ފެނުނު އިރު، ކިރިޔާވެސް އުނދަގޫވީ ފަހު ސެޓުގައެވެ.

ބިދޭސީ ސެޓަރު ވިނާޔަކު ރޯކަޅޭގެ ބަދަލުގައި ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް) ކުޅެން ނެރަފައިވާ އިރު، އެ ސެޓުގެ ފަހު ކޮޅާ ހަމަށްވެސް ލީޑު ކުރީ އޮއްފު އެފްސީއެވެ. އެހެން ނަމަވެސް ފަހު ތިން ވަރަކަށް ޕޮއިންޓަށް ގޮސް ވިނީތުގެ ރަނގަޅު ސާވިސްތަކަކުން ސިޓީން ސެޓު ނިންމާލިއެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ވަނީ 25-20 އިން ގެންގޮސްފައެވެ. އެ ނަތީޖާ އަނބުރާލައި ވެމްކޯ މޮޅުވީ ދެން ކުޅުނު ތިން ސެޓު، 24-26، 18-25 އަދި 14-25 އިން ގެންގޮސްގެންނެވެ.

ފުރަތަމަ ސެޓުގައި ޕޮލިހުގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އަނޫ ޖޭމްސް އާއި އަކިން އައްމާލްގެ ޕޮއިންޓްތައް ފާހަގަވި އިރު، ދެވަނަ ސެޓު ހަމަހަމަކޮށް ދަނިކޮށް ރެފްރީއަށް ޝަކުވާ ކޮށްގެން ސެޓުގައި ނުކުޅެވޭ ގޮތަށް ކާޑު ދައްކައި، އަކިން ވަނީ ފޮނުވާލައިފައެވެ. އެހިސާބުން އޮއެވަރު ބަދަލުވެ، ވެމްކޯއިން ތަޖުރިބާގެ ބޭނުން ހިފިއެވެ.

ވެމްކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަޝްވަލް ރާއީގެ ކުޅުން މެޗުގެ ތިންވަނަ ސެޓާ ހަމައިން ފެނުނު އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރަޖިނިތުވެސް މޮޅަށް ކުޅުނެވެ.

ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ރޭ އޮތީ ސިފައިންނާއި ގުޑީސް ވާދަކުރާ މެޗެވެ. މެޗު ފަށާނީ 20:15 ގައެވެ. ދެން، އެއަށްފަހު އޮންނާނީ އަންގާރަ ދުވަހުގެ ރޭ ލީގު ބުރުގެ ދެވަނަ ވެމްކޯ އާއި ތިންވަނައަށް ދާ ޓީމަކާ މެދު ކުޅޭ ޕްލޭއޮފް މެޗާއި ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗެވެ. ފައިނަލުގައި ސިޓީން ނުކުންނާނީ ޕްލޭއޮފުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.