ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިހާރު ކުރިއަށްދާ ވީއޭއެމް އެސޯސިއޭޝަން ކަޕުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ޕޮލިސް ކްލަބު ބަލިކޮށް، ސްޕޯޓްސް ކްލަބު ސިޓީން ގަދަ ތިނެއްގެ ޖާގައެއް ޔަގީންކޮށްފިއެވެ.

ރޭގެ މެޗުން ސިޓީ މޮޅުވީ 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ރޭގެ މޮޅާއެކު ސްޕޯޓްސް ކްލަބް ސިޓީން ވަނީ ގަދަ ތިނެއް ކަށަވަރުކޮށް، ފައިނަލުގެ ސީދާ ޖާގައަކާ ގާތް ކޮށްފައެވެ. އެސޯސިއޭޝަން ކަޕްގެ ފޯމެޓް އޮތްގޮތުން ލީގު ބުރުގެ އެއް ވަނަ އަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެއެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ، ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ހޯދާ ޓީމެއް ކުޅޭ ސެމީން މޮޅުވާ ޓީމަކަށެވެ.

ރޭގެ މެޗަށްފަހު އެއްވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ ސިޓީއެވެ. ދެ ވަނައިގައި އޮތް ވެމްކޯއަށް ހަތަރު މެޗުން ވަނީ އަށް ޕޮއިންޓް ލިބިފައެވެ. ފުލުގައި ވިއްދާފައި އޮތް ސިފައިންނާއި ފުލުހުންނަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ގަދަ ތިނެއްގެ އަނެއް ދެ ޖާގައަށް ވާދަކުރަނީ ޕޮލިހާއި ސިފައިން އަދި ވެމްކޯއެވެ.

ރޭގެ މެޗަށް ޕޮލިސް ވެސް ނުކުތީ ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. ރޭގެ މެޗުގެ ކުރިން ކުޅުނު ތިން މެޗުންވެސް ޕޮލިސް މޮޅުވެފައި އޮތް އިރު، ސިޓީ ބަލިކޮށް، އެޓީމަށްވެސް ގަދަ ތިނެއް ޔަގީން ކުރެވެން އޮތެވެ. އެ ފޯމުގައި ކުޅެ މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ގެންދިޔައީ 22-25 އިންނެވެ.

އެ ސެޓު ޕޮލިހުން ގެންދިޔަ ނަމަވެސް ދެވަނަ ސެޓުގައި ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. މެޗުގެ އޮއެވަރު އެކުގައި ބަދަލުވިއެވެ. ސިޓީން ފޯމު ރަނގަޅު ކޮށް، ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ، ވިނީތު ކުމާރާއި ވިނާޔަކް ރޯކާޑޭ ތަފާތު ކުޅުމާއެކު ސިޓީން ޖެހިޖެހިގެން ދެ ސެޓު ގެންދިޔައީ 13-25، 17-25 އިންނެވެ.

މެޗުގެ ހަތަރު ވަނަ ސެޓަށް ދިޔައި އިރު ސިޓީ އޮތީ އަދި މާ ފޯމު ރަނގަޅު ކޮށެވެ. އެ ސެޓު އެ ކްލަބުން ގެންދިޔައީ 25-14 އިންނެވެ.

އެސޯސިއޭޝަން ކަޕުގައި މިއަދު ހަވީރު 4:15 ގައި ފަށާ މެޗުގައި ސިޓީން އޮއްފު އެފްސީއާ ބައްދަލުކުރާ އިރު، މިރޭ 8:15 ގައި ކުޅޭ މެޗުގައި ވެމްކޯ ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. މިއަދު ހަވީރު އޮއްފު އަތުން މޮޅުވެގެން ސިޓީ އަށް ފައިނަލުގެ ސީދާ ޖާގަ ހޯދޭނެއެވެ.