ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގައި ކ. ހުޅުމާލެ/ ކައިލާ، ފާތިހު އިސްމާއީލް، 24 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 12 ސެޕްޓެމްބަރު 2018، 16:30 ހާއިރު ހ. ވިންޓަ ގްރީން ގޭގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ގޭގެ ފުރަތަމަ ފަންގިފިލާއަށް ފުލުހުން ގޮސް އެގޭގައި ފާތިހު ދިރިއުޅޭ ކޮޓަރިއަށް ވަތްއިރު ފާތިހު އެ ކޮޓަރިތެރޭގައި ހުއްޓާ ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ފުލުހުން ސުވާލުކުރުމުން ކޮޓަރީގައި ހުރި ކަބަޑު މަތީގައާއި ކަބަޑު ތެރޭގައި މަސްތުވާތަކެތި ހުންނާނެ ކަމަށް ބުނެ އެތަކެތި ހުރިތަންތަން ފާތިހު ފުލުހުންނަށް ދައްކާފައިވާ މައްސަލައެކެވެ.
ފުލުހުން އެ ކޮޓަރި ބަލައި ފާސްކުރި އިރު، އެ ގެއިން މަސްތުވާތަކެތި ފެނިގެން އޭނާގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އިންކާރުކޮށްފައެވެ.
ނަމަވެސް ތަހުގީގީ މަރުހަލާގައި އޭނާ ވެފައިވާ އިއުތިރާފާއި ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފާއި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަހާއި މައްސަލައިގައި ހުށަހަޅާފައިވާ ރިޕޯޓުތަކުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ މައްސަލަ ފާތިހުގެ މައްޗަށް ސާބިތުވާ ކަަމަށް ކޯޓުން ނިންމިއެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން އަދަބާމެދު ވާހަކަދެއްކުމަށް ދައުލަތަށާއި ފާތިހުއަށް ކޯޓުން ފުރުސަތު ދިނެވެ.
އެ ފުރުސަތުގައި ދައުލަތުން ބުނެފައި ވަނީ ޑައިމޯފިން ޓްރެފިކު ކުރުުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ފެށިގެން 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ. މިއީ އޭނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އޭނާގެ މައްޗަށް ކުރި އުމުރަށް ޖަލަށްލުން (25 އަހަރު ދުވަހަށް) ޖަލަށް ލުމަށް ހުކުމްކޮށް، އޭނާ ބަންދުގައި ހުރި 26 ދުވަސް ހުކުމުން އުނިކުރުމަށްފަހު، އޭނާ ޖަލުގައި ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 24 އަހަރާއި 11 މަހާއި 4 ދުވަހަށް ޖަލަށްލުމަށް ކަމަށް ހުކުމްކުރިއެވެ.
އޭގެ އިތުރުން 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވެއެވެ. އަދި ޖޫރިމަނާ ފައިސާ ހުކުމްކުރި ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ހުކުމްގައި އަމުރުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު