ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންގެ ޝަކުވާތައް އަޑުއަހާ ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ސީދާ ބަސް ދަތުރުތައް ފެށުމުގެ ރަސްމިއްޔާތަށް ފުރަތަމަ ފަހަރަށް ހިޔާ ސަރަހައްދަށް ވަޑައިގެން ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ, މިހާރުވެސް ދެވަނަ ފިޔަވަހީގައި 20،000 އެއްހާ މީހުން ދިރިއުޅެމުން އަންނަ އިރު, އެ ފްލެޓްތަކުގައި އެއްކޮށް މީހުން އާބާދުވެ އަދި އެހެން ފްލެޓްތަކުގައިވެސް މީހުން ދިރިއުޅެން ފެށުމުން އެ ސަރަހައްދުގައި 70،000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް ވިދާޅުވިއެވެ.

އެހެންވެ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިދުމަތްތައް އިތުރަށް ފުޅާކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ, ހިޔާ ފްލެޓްތަކުގެ ކުލީގެ ވާހަކައާއި އެނޫންވެސް ބައެއް ކަންކަމުގެ ޝަކުވާތައް އެބަހުރި ކަމަށެވެ. އަދި ފޭސް 2ގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އަދި އެކަމަށް މިހާރުން މިހާރަށް ގެންނަން އޮތް ހައްލެއް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މި ފްލެޓުތަކުގައި (ހިޔާ ފްލެޓްތަކުގައި) ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އަންނަ ހުރިހާ ޝަކުވާތަކެއް އަޅުގަނޑުމެން ބަލައި, އެއަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އަރުވަން," ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ, ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތަކުގެ 85 ޕަސެންޓް ނިމިފައިވާ އިރު, ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުޅޭ މީހުންގެ ކާރާއި ސައިަކަލްތައް ޕާކު ކުރާނެ ގޮތްތަކެއް ނެތް ކަމަށެވެ.

އަދި އެ ކަމަށް އެޗްޑީސީން ހައްލެއް ގެންނަން ޖެހޭ ކަމަށާއި ދެވަނަ ފިޔަވަހީގެ ޕްލޭނަށް އެކަން އިތުރުކޮށް، ވެހިކަލްތައް ޕާކު ކުރެވޭނެ ގޮތްތައް ފަހިކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ދެވަނަ ފިޔަވައްސަށް ބޭނުންވާ ސްކޫލުތައް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، މިހާރު އެއް ސްކޫލާއި ދެ ޕްރީ ސްކޫލު ހުޅުވިފައިވާ ކަމަށެވެ. އަދި މިހާރު ހަދަމުން އަންނަ ސަލާހުއްދީން ސްކޫލު އަންނަ އަހަރުގެ ޖެނުއަރީގައި ހުޅުވޭނެ ކަމަށާއި އަމާޒަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަށް ސްކޫލާއި ހަތަރު ޕްރީ ސްކޫލު ހުޅުވުން ކަމަށް ވިދާޅުވިއެވެ.