އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މާރާމާރީ މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލައިފިއެވެ.
ފޭދޫގައި މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވީ، މުހައްމަދު ޒަޔާން މޫސާ، 21އ އެވެ.
ފުލުހުން މިއަދު ބުނީ، އެ މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދު މުރާޖާކުރަން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފައެވެ. ބަންދުމުރާޖާ ކުރަން ކޯޓަށް ގެންދިޔުމުން ދޫކޮށްލާފައިވަނީ އެ ތިން މީހުންނެވެ. އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.
ދެން އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ. 16 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖެކެވެ. އެކުދިންގެ ބަންދުގެ މުއްދަތު އަދިވެސް ހަމަނުވާ ކަމަށް ފުލުހުން ބުންޏެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިސަރު ޝާފީ މުހައްމަދު މީގެ ކުރިން ވިދާޅުވި ގޮތުގައި ޒަޔާންގެ އަތުގެ މުލައްދަނޑިއާއި ބުރަކަށްޓަށް ފުން ޒަހަމްތަކެއް ލިބިފައިވެއެވެ. އަދި އޭނާ މަރުވީ ބުރަކަށްޓަށް ދިން ފުން ޒަހަމުތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި، އެ ޒުވާނާ މަރާލާފައިވަނީ އައްޑޫ ސިޓީ ފޭދޫގައި ހަރަކާތްތެރިވާ ދެ ގޭންގެއްގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަތަކަކާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު