Close
ޚަބަރު

މުއިއްޒު ހެއްދެވީ ދޮގު، 7،000 ރުފިޔާއަށް ވިނަރެސް ފްލެޓް ދޭން ނިންމާފައެއް ނުވޭ: އަސްލަމް

މުހައްމަދު އިޝާން

ވިނަރެސް ފުލެޓް 7،000 ރުފިޔާއަށް ދިނުމަށް މިދިޔަ ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ހެއްދެވީ އިތުރުފުޅެއް ކަމަށް މިހާރުގެ ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ޑރ، މުއިއްޒު ވަނީ ވިނަރެސް ފުލެޓުތަކަށް މި ސަރުކާރުން ކަނޑައަޅައިފައިވާ އަގުތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. އަދި ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިނަރެސް ފުލެޓަށް ކަނޑައެޅި އަގަކީ މަހަކަށް 7،000 ރުފިޔާ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް އަތްނުފޯރާ އަގެއްގައި ފުލެޓުތައް ވިއްކައިގެން ނުވާނެ ކަމަށެވެ. އަދި އެޗްޑީސީން ކަނޑައެޅި އަގުތައް ބަދަލުކުރުމަށް ވެސް ޑރ. މުއިއްޒު ވަނީ ގޮވައިލައްވައިފައެވެ.

ވިނަރެސް ފުލެޓަކީ މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަޅަން ފެށި ފުލެޓުތަކެވެ. އެޗްޑީސީން ބުނެފައިވަނީ 20 އަހަރަށް ކުލި ބަހާލުމުން ކޮންމެ އެޕާޓްމެންޓަކަށް ވެސް މަހަކު 19،000 ރުފިޔާ އާއި 23،000 ރުފިޔާއާ ދެމެދުގެ އަގެއް ދައްކަން ޖެހޭނެ ކަމަށެވެ. އެގޮތަށް ކުލި ބަހައިލުމުން ފުލެޓުގެ ޖުމުލަ އަގު 4.9 މިލިއަން ރުފިޔާ ނުވަތަ 6 މިލިއަން ރުފިޔާއަށް ބޮޑުވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޑައުންޕޭމެންޓުގެ ގޮތުގައި 20 ޕަސެންޓް ދައްކައިގެން، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަގެއް ފުލެޓަށް ދައްކަން ޖެހޭނެ ކަމަށާއި އެއިރުން ފުލެޓުގެ ޖުމުލަ އަގު 5.5 މިލިއަން ރުފިޔާ އާއި 7.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގަކަށް ބޮޑުވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ކަނޑައެޅި އަގުތައް ދިފާއުކުރައްވައި އަދި ޑރ. މުއިއްޒުގެ ވާހަކަތައް ދޮގުކުރައްވައި ރައްޔިތުން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، އެޗްޑީސީން އިއުލާނުކޮށްފައިވާ އަގުތަކަކީ ވިނަރެސް ފުލެޓު ދޫކުރެވޭނެ އެންމެ ކުޑައަގު ކަމަށެވެ.

އަދި ވިނަރެސް ފުލެޓާ ގުޅޭގޮތުން ޑރ. މުއިއްޒު ހައްދަވާފައިވަނީ އިތުރުފުޅެއް ކަމަށާއި 7،000 ރުފިޔާއަށް ވިނަރެސް ފުލެޓް ދިނުމަށް ކުރީ ސަރުކާރުން ނިންމާއިނުވާ ކަމަށެވެ. އަދި 7،000 ރުފިޔާއަށް އެފުލެޓުތައް ނުވެސް ދެވޭނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފުލެޓުތަކަށް އެޗްޑީސީން ނަގަމުންދާ އަގު ބޮޑުކަމަށް ވެސް ޑރ. މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިހާރު ހިޔާ ފުލެޓުގެ މަހު ކުއްޔަކީ 8،500 ރުފިޔާއެވެ. ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ޔާމީންގެ ސަރުކާރުން ހިޔާ ފުލެޓުތަކަށް ކަނޑައެޅި އަގަކީ 5،000 ރުފިޔާ ކަމަށެވެ.

އެޗްޑީސީން އެކަމާ ގުޅިގެން ބުނެފައިވަނީ 5،000 ރުފިޔާއަށް ހިޔާ ފުލެޓު ދޫކުރަނާމަ ހިޔާ މަޝްރޫއު ޗައިނާއިން ނެގި ލޯނު ނުދެއްކި ޑިފޯލްޓު ވެދާނެ ކަމަށެވެ.