ރިޕޯޓް

ނުޒޫގެ ފަސްވަނަ ދަރިފުޅުގެ ގޮތުގައި "ހޯމް މޭޑް ބޭބީސީރިއަލް"، މިއަދު އެތައް މަންމައިންނެއްގެ ފޭވަރިޓް

މަރިޔަމް ޝަފާ އިބްރާހިމް

2

ދެޖިންސުގެ ދެމީހަކު ބައްދަލުވެ، ދެމެދުގައި އިހުސާސްތަކެއް ބަދަލު ކުރެވި، އެކަކު އަނެކަކުގެ އެހީތެރިކަމާއި ގާތްކަމާއެކު ބަދަހިވެގެންދާ ގުޅުމުގެ ތެރެއިން ދުނިޔެއަށް އަންނަ ތިންވަނަ ފަރާތުގެ ސަބަބުން ދެމީހުންގެ ލަގަބާއެކު، މަގާމާއި ޒިންމާވެސް މުޅިން އާގޮތަކަށް ބަދަލުވެގެންހިނގައިދެއެވެ. ދެލޯބިވެރިންނަކުން ދެމަފިރިއަކުން، 'ދެ' އަކުރު ހިމަނައިގެން ދެމީހުންގެ ނަން އެކުލަވައިލުމަށް ނިމުމެއް އައީއެވެ. މިހިސާބުން މިބަދަލުވީ މައިންބަފައިން، ނުވަތަ މަންމަ، އަދި ބައްޕައަށެވެ. މީގެ ތެރެއިންވެސް މަންމަ ހާސްގުނަ ތަފާތެވެ. މައިވަންތަކަމުގެ އިހުސާސަކީ ދުނިޔޭގައިވާ އެންމެ ރީތި، އަދި އުފާވެރި އިހުސާސެވެ. ދަރިފުޅަކު ލިބުމަށްފަހު ކޮންމެ މަންމައަކުވެސް އެދަރިފުޅުގެ ކޮންމެ ހަރަކާތެއް، ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް، ހިނދުން ހިނދަށް، ބަލައި، އަންނަ ބަދަލުތަކާއި ތަފާތުތަކާއި ކުރިއެރުންތަކާއި ވެއްޓުންތައް ފަދަ ކިތަންމެ ކަމެއް މަންމަ ދާނީ ފަހަށް ރައްކާކުރަމުންނެވެ. އެއީ ފޮތެއްގައި ނޯޓު ކުރުމަށްވިޔަސް، ސިކުނޑީގައި ރައްކާކުރުން ކަމަށްވިޔަސްމެއެވެ. ތަސްވީރުތަކެއްގައި ރައްކާ ކުރިކަމުގައިވިޔަސްވެހެވެ.

ތުއްތު ދަރިފުޅަށް ގާތުން ދިނުމުގެ މަރުހަލާ ނިމި، ފެންފޮދެއް ދިނުމާއެކު، ކާއެތިކޮޅު ދޭން ޖެހޭ ދުވަހަކީ މަންމައަށްޓަކައި ވަރަށްވެސް މުހިންމު، އެހާމެ ހާއްސަ ދުވަހެކެވެ. މިދުވަހަށްޓަަކައި އެކި ގޮތްގޮތުން މަންމަ ތައްޔާރުވެއެވެ. ދަރިފުޅުގެ އަނގައިގައި ފުރަތަމަ ޖެހެން އެންމެ ރަނގަޅީ ކޮން ރަހައެއްގެ ކޮން ބާވަތެއްގެ ކޮން އެއްޗެއް ދެނެގަނެ، އެތަކެތި ހޯދައި، ތައްޔާރު ކުރެއެވެ. ރާއްޖެއިން ބޭރުން އެތެރެކުރާ ތަފާތު ސީރިއަލްތައް ހޯދާއިރު އޭގެ ފެންވަރާއި މައުލޫމާތު އެންމެ އެދެވޭ، ބޭނުންވާ ވަރަށް ނުލިބޭ ފަހަރުވެސް މަދެއް ނޫނެވެ. މިއީ އިރެއްގައި ރާއްޖޭގެ މަންމަމެންނަށް ވަރަށް ދަތިވެގެންދިޔަ ކަމެކެވެ. އެއްބްރޭންޑެއްގެ ހުރިހާ ވައްތަރެއް، އެއްތާކުން، ލިބުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ.

ތުއްތު ދަރިފުޅަށް ކާންދޭ 'ބަކުން' އޯޑަރު ދޭން ރާއްޖެއިން ބޭރު ނަންބަރަކަށް ގުޅާކަށް ނުޖެހެއެވެ. މިއަދު ދިވެހި އުފެއްދުންތައް އެބަހުއްޓެވެ. އެކަމަކު މިއީ މީގެ ކުރިން ރާއްޖެއިން ލިބެން ހުރި އެއްޗެއް ނޫނެވެ. މިމަސައްކަތް ފެއްޓުމުގެ 'ރިސްކު'ނަގައިގެން، އާއުފެއްދުން މުޖުތަމައުއަށް ނެރެ، ދިވެހި މަންމައިންނަށް "ދިވެހި ބަކުން' ތައްޔާރުކޮށް، ފޯރުކޮށްދިނުމުގެ މަސައްކަތް ފެށީ، މިކަމަށް އިސްނަގައިގެން، މިއަދުވެސް މިމަސަައްކަތުގައި ދެމިހުރި ފަރާތަކުންނެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ތުއްތު ކުދިންގެ 'ބަކުން' ހޯދުމަށް، "ޕިއުރިޓީ"އާއި "ހެއިންޒް"ފަދަ ބްރޭންޑްތަކަށް ފާރަލަމުން، އެހެނިހެން ބާވަތްތަކުގެ އަޖުމަ ބަލައިނުލައި ނޫނީ ދަރިފުޅަށް ކާންނުދޭން އެތައް މަސައްކަތެއް ކުރަމުންދިޔަ ދިވެހި މަންމައިންނަށްޓަކައި، ސިންޑްރެއްލާގެ ފެއަރީމަންމަގެ މެޖިކްވޭންޑް، ޖާދޫގެ ދަނޑިކޮޅު ހިފައިގެން އައި ނަލަނަލަ "ބަކުން ޝެފް"، އެތައް ތުއްތުފުރާނަތަކެއްގެ ނުޒޫދައްތައެވެ.

އދ ހަންޏާމީދޫ، ނުޒުހާ ނައީމަކީ، ވަރަށްވެސް ހާއްސަ ހިދުމަތެއް ދިވެހި މަންމައިންނަށް ފޯރުކޮށްދެމުން އަންނަ، މުޅި ރާއްޖޭގެ ހުރިހާ މަންމައިންވެސް ފަހުރުވެރިވާފަދަ އުފެއްދުންތެރިއެކެވެ. ރާއްޖޭގައި ބަޔަކު ނުދޭ ޚިދުމަތެއް އަލަށް ދޭން ފެށުމަކީ ނުޒޫ ނުހަނު ބޭނުންވި ކަމެކެވެ. މިއުއްމީދަށް އަމަލީ ސިފައެއް ގެނެސް، އެހުވަފެންތަކުގައި އަސްލު ކުލަ ޖެއްސުމަށް 2018 ވަނަ އަހަރުގެ އޮކްޓޯބަރު ފެށިގެން ސީރިއަލް ތައްޔާރުކުރުމުގެ ބުރަ، ބޮޑު މަސައްކަތް ނުޒޫ ފެށީ ނުހަނު މާތް މަގުސަދެއްގައެވެ. 2019 ވަނަ އަހަރު ނުޒޫ މިހާރުވެސް ހިންގަމުން އަންނަ، ފޭސްބުކް ޕޭޖު ހުޅުވައިގެން މަސައްކަތް ފުޅާ ކުރީ، މިއަދު ނުޒޫ އެހުރި ހިސާބަށް އާދެވިދާނެކަމުގެ މާބޮޑު އުއްމީދީ އަލިކަމެއް ނެތަސް އެކަމުން ލިބެމުން ދިޔަ ރޫހާނީއަރާމަކުންނެވެ.

އެހެންކަމުގައިވިޔަސް، މިކަން ކުރިއަރުވައި، ދިވެހިންގެ ވިސްނުން ބަދަލުކޮށް، ދިވެހި އުފެއްދުންތަކަކީވެސް އިތުބާރު ހިފޭ، މައިންގެ އިތުބާރު ލިބޭފަދަ "ބަކުން"އެއްކަން ސާބިތުކޮށްދީ، ދިވެހިން މިއުފެއްދުމަށް އަހުލުވެރި ކުރުމަށް ނުޒޫ ކުރި މިންނެތް، ބުރަ މަސައްކަތުގެ ނަތީޖާ މިއަދު ނުލާހިކު ފޮނިވެފައި މީރެވެ. މިހިސާބަށް އައުމަށްޓަކައި ނުޒޫ ނުހަނު ބުރަ އުފުލިކަން ގައިމެވެ. ފޮނި ފިނި ފޮނި އުއްމީދުތަކެއް އާވެއާލާ ކުރިއެވެ. އެހެންނަމަވެސް، ހަގީގަތުގައި، ތެދުހިތުން ބުނާނަމަ، މިއަދު އެހުރި ހިސާބަށް އާދެވި، އެތައް ހާސް ކުއްޖަކަށް ކާންދޭނެ ބާވަތްތައް ތައްޔާރުކޮށްދިނުމުގެ ނަސީބު ލިބިދާނެކަމަކަށް ނުޒޫ ހިޔެއް ނުކުރަމެވެ. ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުން 50،000 އަށްވުރެން ގިނަ ކުދީންނަށް ބަކުން ތައްޔާރުކޮށް ދިނުމުގެ އުފަލާއި ނަސީބު ނުޒޫ އަށް އަދު މިވަނީ ލިބިފައެވެ. އެތަކެއް މަންމައަކަށް ހިދުމަތްކޮށްދިނުމުގެ ފުރުސަތު ލިބުމާއެކު، ގައުމަށް، އަމިއްލަ ވަޒަނަށް، އޮތް ދަރަންޏެއް އަދާ ކުރެވިއްޖެކަމުގެ ހިތްހަމަޖެހުން ނުޒޫއަށް މިއަދު ވަނީ ލިބިފައެވެ. އެހެންވިޔަސް، މިހެން ބުނެލާއިރު މިއީ މާބޮޑު ކަމެއްހެން ހީނުވިޔަސް، ނުޒޫ ފަދަ ތުއްތު ކުދިންތަކެއްގެ މަންމައަކަށް މިއީ ދުލުން ބުނެލާހާ ފަސޭހަ ކަމެއްވެސް ނޫނެވެ.

މި ކާމިޔާބު ދަތުރުގެ ވާހަކައާ ގުޅޭ ގޮތުން ނުޒޫ"ވަން" އަށް ކިޔައިދިނީ އޭނާ 'ބަކުން ޝެފް'އަކަށް ވުމުގެ ދަތުރުގެ ކުރު ހުލާސާއެކެވެ. ނުޒޫ ހިނގަމުން ދިޔަ މަގުގައި ހުރި ކަށިތައް މަދެއް ނޫނެވެ.

"ފުރަތަމަ އަޅުގަނޑު މިކަންފެށީ ހެލްތު މިކްސް އާއި މަލްޓިގްއިން. އޭރު ރާއްޖޭގައި ގިނަ މީހުންނަށް މިއީ ކޮންއެއްޗެއްކަން، ކިހާ ފައިދާހުރި ސީރިއަލެއް ކަމެއް ނޭނގެ. އެހެންކަމުން މީހުންނަށް މިއީ ކޮން އެއްޗެއްކަން، ކިހާ ފައިދާހުރި ސީރިއަލްތަކެއްކަން ޔަގީންކޮށްދޭން ވަރަށް މަސައްކަތް ކުރަން ޖެހުނު. ސީރިއަލް ހިފައިގެން މި ބޭނުންވާ މީހުންގެ ގޭގޭދޮށަށް ދިޔައިން. ގޮސް ތަފްސީލު މައުލޫމާތާއި ތައްޔާރުކުރާނެ ގޮތް ބުނެދިނިން."
ނުޒުހާ ނައީމު

ކާމިޔާބީއަކީ ވަރަށް ބުރަ މަސައްކަތުން ހާސިލު ކުރެވޭ އެއްޗެކެވެ. ބޮޑެތި ގުރުބާނީ އާއި ތަކުލީފު އުފުލަން ޖެހޭނެ ކަމެކެވެ. ނުޒޫ ކިޔައިދިން ގޮތުގައި، މިއަދު މީހުންނަށް ފެންނަ ނުޒޫދައްތައަށް ވުމަށް އޭނާ ކުރި މަސައްކަތާއި، މިހާރު ހުރި ހިސާބަށް ވާސިލު ވާންވެސް ވަރަށް ބޮޑެތި ގުރުބާނީތަކެއްވިއެވެ. ގައިން އެތަކެއް ދަލެއް އޮހޮރުވައި، އަމިއްލަ އެތައް ހިތްހަމަޖެހުމަކާއި އަރާމެއް ނަގައިލިއެވެ.

ނުޒޫ ބުނި ގޮތުގައި، 4ވަނަ ދަރިފުޅަށް ބަނޑުބޮޑުވެ އިނދެ، އަހަރު ނުވާ ދަރިފުޅު ކެރިޔަރ ބޭގަށް ލައިގެން، ދެން ތިބި ދެ ކުދިން ގޮވައިގެން، ހިނގާފައި، މާލޭގެ އެކި ހިސާބުތަކުގައި ހުންނަ ގޭގެެެއަށް ދިޔައީ، އަމިއްލައަށް އެއްޗެހި ހަވާލުކޮށް، ބޭނުންވާ މައުލޫމާތު ދިނުމަށެވެ.

"އެންމެ ތަށްޓެއް ހިފައިގެން ގޮސް ސިޑިން އެތައް ފަންގިފިލަޔަކަށް އެރި ދުވަސްވެސް ހިނގައްޖެ. ފޯނު ނުނެގީމަ ދަރިންކޮޅު ގޮވައިގެން ގެޔަށް އައިސް، 4 ވަނަ ފަންގިފިލާއަށް ސިޑިން އަރާފަހުން، ކަސްޓަމަރު ގުޅީމަ، އަލުން ދިޔަ ދުވަސް ވެސް ހިނގައްޖެ. ވިއްސާރައިގަ ބޯޓުތައް ކައިރިޔަށް ޑެލިވަރީ ކުރަންދިޔަ ދުވަސްތައް އަމުދުން ދުވަހަކުވެސް ހަނދާން ނެތޭނެހެނެއް ހިއެއް ނުވޭ."

ނުޒޫގެ މިޑެލިވަރީތަކަށް ކުރި ދަތުރުތަކަކީ ނިކަން ހިތްވަރުގަދަ، ފިސާރި އަޒުުމުގައި ގަދަފަދަ، ކެރޭ އަންހެނަކަށް ނޫނީ ހުރަސް ނުކުރެވޭނެ ވަރުގެ ބޮޑެތި ދަތިތަކާއި ހިތަށް ތަދުވާވަރުގެ ކަންތައް ދިމާވި ދަތުރުތަކެކެވެ.

"ބޭނުންވެގެން ބުނީމަ، ބޭނުންވެގެން އެއެދިލައްވާ އެއްޗެއް، އެ ވިދާޅުވާ ގެޔަކަށް ހިފައިގެންދިޔުމުން، ނިގާބު އަޅާފަ ހުންނަ މީހެއްކަން އެނގިގެން ސީރިއަލް ބޭނުންނުވި މަންމައަކާ ވެސް ދިމާވި. ނިގާބު އަޅާފަ ހުރި ކަޓު މީހަކަށް ރަނގަޅު ފެންވަރުގެ އެއްޗެއް ތައްޔާރުކުރެވިދާނެ ކަމާމެދު އެ މަންމައަށް ޝައްކުވީ. އަސްލު އެއީ އެންމެ ހިތްދަތިވި ދުވަސް."

އެކަމަކުވެސް ނުޒޫ އެ މަންމަގެ ނިންމުމަށްވެސް ގަދަރު ކުރިއެވެ. ހިނިތުންވުމާއިއެކު އިހުތިރާމު ކުރިއެވެ. ނަތީޖާ ވަރަށް އުފާވެރިވެފައި ފޮންޏެވެ. އޭގެ 4 މަސް ފަހުން ހަމަ އެ މަންމަ އަލުން ނުޒޫއަށް ގުޅީ، ނުޒޫގެ ޕޭޖުގެ ފީޑުބެކްތަކުން ވަރަށް ހައިރާންވިކަމާއި، ކަންތައް ކުރެވުނު ގޮތާއިމެދު ލަދުގަންނަ ކަމަށް ބުނެ މާފަށް އެދުމަށެވެ. ސީރިއަލް ބޭނުންވެގެން އޯޑަރު ދިނުމަށްވެސްމެއެވެ. އެފަދަ ކަމެއް ދިމާވުމަކީ މައްސަލައެއް ނޫނެވެ. ދިވެހި މުޖުތަމައު އޮތީ 'އިމްޕޯޓެޑް' މުދަލަށް އާދަވެފައެވެ. ކިތަންމެ ދަށް ފެންވަރަކަސް، ބެންކޮކުންނޭ ގެނައީ ބުނެ، ސްޓިކާއެއް ދެއްކީމަ، އެވަރެއް ނޯންނާނެއެވެ. އެހިސާބުގައި އޮތް މުޖުތަމައަކުން މިފަދަ ކަމެއް ދިމާވުމަކީ އެހާ ބޮޑު ކަމެއްނޫންތާއެވެ.

އެ ހުރިހާ ތަކްލީފަކާއި، އުފުލި ބުރައިގެ ނަތީޖާއާއި ފޮނި މީރުކަން މިއަދު ލިބިއްޖެއެވެ.

"މިހާރު ރާއްޖޭގައި މި މަސައްކަތް އެހެން ކުދިންވެސް ކުރޭ.. އެ ކުދިންނަށް ބުނެލަން ބޭނުންވަނީ އިހްލާސްތެރިކަމާއި، ހިތްވަރާއިއެކު ކުރިޔަށްދާށޭ. ކާމިޔާބާއި ކުރިއެރުމަކީ ވަކި މީހަކަށް ހާއްސަކުރެވިފައިވާ އެއްޗެއް ނޫނޭ.. އެއީ ހިތްވަރު ހުރި ހަމަ ކޮންމެ މީހެއްގެ ހައްގެކޭ.. އެމީހަކަށް ލިބެން އޮތް ރިޒުގެއް އަނެކާއަށް ނުހިފެހެއްޓޭނެކަން، އެއީ މާކުރިން ލިޔުއްވައި ނިންމަވައިފައިވާ ކަމެއްކަން ޔަގީންކުރާށޭ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި، ހިތްތިރިކަމާއިއެކު ކުރިޔަށްދާށޭ."

މިއީ މިމަސައްކަތް ކުރަމުންދާ އެހެނިހެން ފަރާތްތަކަށް ނުޒޫ ދިން މެސެޖެވެ. ނުޒޫގެ ފަރާތުން 'ރޫހާނީ ހިތްވަރެއް" ނުވަތަ އިންސްޕިރޭޝަނެއް ލިބިގެން މިކަމުގައި ކުރިއަށް ނުކުމެ، މިމަސައްކަތް ކުރަމުން އަންނަ ކޮންމެ ފަރާތަކަށް ނުޒޫ ހެޔޮދުއާ ކުރެއެވެ.

"ދުއާއަކީ ތި މަސައްކަތުގައި ބަރަކާތް ލައްވައި، ކުރިއެރުން ދެއްވުން.. މިއަދަށް ވުރެން ފަހި މާދަމާއެއް މިންވަރު ކުރެއްވުން."

ނުޒޫ ކުރެން އިތުރަށް ބުނެލަން ބޭނުންވާ ނުވަތަ ފާހަގަ ކޮށްލަން ބޭނުންވާ އެއްވެސް ކަމެއް އޮތްނަމަ، އެކަމެއް ހިއްސާ ކުރުމަށް އެދުމުން ހީނލާފައި ދިން ޖަވާބު ވެސް ތަފާތެވެ.

"މަންމައިންނަށް ބުނެލަން ބޭނުންވަނީ އެ މަންމައެއްގެ ފެންވަރުން، ލިބޭ މިންވަރުން ދަރީންނަށް ފައިދާހުރި ކާނާ ދެވޭތޯ މަސައްކަތްކުރާށޭ! ގޭގައި އާންމުކޮށް ކައިއުޅޭ ބާވަތްތައް ބޭނުންކޮށްގެން ވެސް ވަރަށް ފައިދާހުރި މީރު ކެއުން ތައްޔާރުކޮށްލެވިދާނެ. ހުރިހާ މަންމައިންނަށް ސީރިއަލް ނުގަނެވިދާނެ. އެހެންކަމުން އެ މަންމައިންނަށް އެހީއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ނުޒޫގެ ރެސިޕީ އަލްބަމް ބަލައިގެންވެސް ކުރިޔަށް ދެވިދާނެ. ކުޑަކުދިން އަދި ބޮޑެތި މީހުންނަށްވެސް ކާލަން ތައްޔާރުކޮށްލެވޭނެ ކެއުންތައް އޭގައި ހިމެނޭނެ. 350 އަށްވުރެން ގިނަ ރެސިޕީ ހިމެނޭނެ. މަންމައިން ބޭނުމިއްޔާ އެ ރެސިޕީތަކަށް ބަދަލު ގެނެސްގެން ދަރިފުޅަށް ކަމުދަނީ ކޮން ރަހައެއްތޯ ވެސް ބެލިދާނެ.. ހުރިހާ ދުވަހަކީ ދަރިފުޅަށް އެންމެ ފައިދާހުރި ކާނާ ދެވޭ ދުވަހަކަށް ނުވެދާނެއޭ.. ބުރަކޮށް އުޅޭ ހާލަތެއްގައި ފަސޭހަ ގޮތަކަށް ކަންކަން ކޮށްލަން ޖެހުނަސް އެކަމާ މާޔޫސް ނުވާށޭ.. އެއްވެސް މަންމައަކީ އެންމެ ފުރިހަމަ މަންމައެއްނޫނޭ.. އެކި މަންމައިންނަށް ކުށްކުރެވޭނީ، ގޯސް ހެދޭނީ އެކި ކަންކަމުގައޭ.. ހުރިހާ ކަމެއްގަ އެންމެ ފުރިހަމައަށް ކަންކަން ނުވެހިނގައިދާނެއޭ!"

މީގެ އިތުރުންވެސް އިބުރަތްތެރި، އަނެކުންނަށް ބޭނުންތެރި، ނަސޭހަތްތެރި، އިލްމުން ފުރިގެންވާ އެތައް ވާހަކައެއް ނުޒޫ ހިއްސާ ކުރިއެވެ. ނުޒޫ ބުނީ ވަރަށް ބޮޑު ތެދެކެވެ. އެކި މަންމައިންނަށް ލިބިފައި ހުންނާނީ އެކި ހުނަރެވެ. ހުރިހާ މަންމައިންނަކީ ދަރީންނަށް ތަފާތު ކާނާ ތައްޔާރުކޮށްދޭން މޮޅެތި މީހުންނަށް ނުވެދާނެއެވެ. އެއްބައި މަންމައިންނަށް ދުޅަހެޔޮ ސިއްހަތެއްގައި، ފުރިހަމަ ކާނާ ކުދިންނަށް ދިނުމުގައި ގާބިލު ބަޔަކަށް ވާއިރު އަނެއްބައި މަންމައިންނަކީ ދަރީންނަށް ކިޔަވައިދޭން މޮޅެތި މީހުންނެވެ. ތެދެކެވެ. ކޮންމެ މަންމައަކީ ވެސް ތަފާތު މަންމައެކެވެ. އަދި ކޮންމެ މަންމައަކީވެސް، އެމަންމައެއްގެ ހައިސިއްޔަތުން، އޭނާގެ ދަރިންދެކެ އެންމެ ލޯބިވާ މަންމައެވެ. މައިންގެ ލޯތްބަކީ އެކަތިއަނެކައްޗާއި އަޅައި ކިޔޭނެ އެއްޗެއް ނޫނެވެ.

އެހެންކަމުން، ކޮންމެ މަންމައެއްވެސް އެ މަންމައެއްގެ ފެންވަރުން ވީ އެންމެ ރަނގަޅަށް ދަރީންނަށް ކަންކަން ކޮށްދޭން މަސައްކަތްކުރާނެކަން ދަންނާށެވެ. އެއްވެސް މަންމައެއް އަނެއް މަންމައެއް، ހިސާބުކޮށް ފާޑުނުކިޔާށެވެ. ބަދަލުގައި އެއްބަޔަކު އަނެއްބަޔަކަށް ލޯތްބާއި ހިތްވަރުދޭށެވެ. ލޯތްބާއި، އަޅައިލުން ބޭނުން ނުވާނެ ހަމަ އެއްވެސް އިންސާނެއް، އަދި އެ ލިބުމުން ބަދަލު ނުވާނެ އެއްވެސް ހާލަތެއް ނުވެއެވެ.

ނުޒޫގެ މިމަސައްކަތަކީ ވިޔަފާރީގެ ރޮނގުން ބަލާއިރު ވެސް ކުރާން ރަނގަޅު ކަމެއްކަމަށް ނުޒޫ ފާހަގަކުރިއެވެ.

"މި މަސައްކަތަކީ ދަރީން ކައިރީގަ ގޭގަ ހުރެގެން އާމުދަނީ ހޯދަން ކުރަން ރަނގަޅު މަސައްކަތެއް.. އެކަމަކު ހަމައެކަނި ފައިސާގެ ބޭނުމުގައި ކުރުން ހަމަ އެއްވެސް ގޮތަކަށް ހެޔޮވާވަރުގެ ކަމެއްނޫން.." ނުޒޫ ބުނި ގޮތުގައި މިއީ ރަނގަޅު ވިޔަފާރިއަކަށްވިޔަަސް، މިކަން މާބޮޑާށް ފުޅާކޮށް، ބޮޑު ވިޔަފާރިޔަކަށް ހަދައި، އަތްދަށަށް މަސައްކަތު މީހުން ލައިގެން، ކުންފުންޏެއް ފަދަ ގޮތަކަށް ކުރިއަށް ގެންދާކަށް އެއްވެސް ވަރަކަށް ހިތަކު ނެތެވެ.

"އަމިއްލަ ފައިމައްޗަށް ތެދުވަން، އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ ވަރަށް މުހިންމު ނަސޭހަތެއް އެބަ އޮތް.. ނުޒޫ ބުނެލަން ބޭނުންވަނީ ކޮންމެ މަސައްކަތެއް ކުރިޔަސްވެސް ފައިސާއަކީ ތިބާގެ އަމާޒާއި މަގުސަދަށް ނުހަދާށޭ. ތިބާގެ އަމާޒަކަށް ވާންވާނީ ހިތްހަމަޖެހުން. އަމިއްލަ ނަފުސުގެ ކުރިއެރުން ފައިސާއަކީ އެއާއި އެކުއެކީ ލިބިގެންދާ ބޯނަސް ޕޮއިންޓެއްގެ ގޮތުގައި ބަލައިގެން ކުރިއަށްދޭ!"

މީގެ އިތުރުން ނުޒޫ ބުނި ގޮތުގައި، ދަރިފުޅުގެ ބަރުދަން އެއްވެސް ގޮތަކަށް އިތުރު ނުވެގެން ނޫނީ އެއްވެސް ގޮތަކަށް ނުކައިގެން އުޅޭ ކުއްޖަކަށް ނުޒޫގެ ސީރިއަލް މީރު ވެގެން ނޫނީ ބަރުދަން އިތުރުވެގެން، އެކަމާ އުފަލުން މަންމައިން މެސެޖުކުރާ ވަގުތަކީ ބުނެދޭންވެސް ނޭނގޭ ފިނިކަމެއް ހިތަށް ލިބިދޭ ވަގުތެކެވެ. ކޮންމެވެސް މީހެއްގެ ދިރިއުޅުމަށް، މާޔޫސްވެފައިވާ ކޮންމެވެސް ނަފްސަކަށް، ކޮންމެވެސް މިންވަރެއްގެ ލުޔެއް ހޯދައިދިނުމުގެ ނަސީބު ލިބިގެން ދިޔުމަކީ ލިބޭ އެންމެ ބޮޑު އެއް އުފަލެވެ. ބުނެދޭން ވެސް ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ.

"އެންމެ ކުޑައިރުއްސުރެން ނުޒޫ އެންމެބޮޑަށް ބޭނުންވި، ދަހިކުރުވާ އެއްޗަކީ ލޯބި. އެންމެ ކްރޭވް ކުރާ އެއްޗަކީ ލޯބި، ފެށުނީއްސުރެން ނުޒޫ ބޭނުންވި ލޯބި މިއަދު އެތައް ހާސް މަންމައެއްގެ ފަރާތުން އެބަލިބޭ! އެތަކެއް މަންމައަކާއި ބައްޕައެއްގެ ހެޔޮ ދުއާ އާއި އިހުތިރާމު އެބަ ލިބޭ. އަލްހަމްދުލިއްލާހި! ނުޒޫއަށް އެއަށް ވުރެން އަގު ބޮޑު އެއްޗެއް ނެތް! ނުޒޫ މާދަން ލޯމަރާލިޔަސް ނުޒޫގެ މި ހިދުމަތް މަތިން ހަނދާންވާނެ ބަޔަކު ތިބޭނެކަން އިހުސާސްވާތީ ވަރަށް ބޮޑު ހަމަޖެހުމެއް ހިތަށް ލިބޭ!." ނުޒޫ ފެންކަޅިވެ އިނދެ ބުނެލިއެވެ.

މިހުރިހާ ވާހަކައަކަށްފަހު ނުޒޫ އިރުކޮޅަކު ހިމޭނުން އިނުމަށްފަހު، ވަރަށްބޮޑު ކަމެއްގެ ވާހަކަ އެބައޮތްކަމަށް ބުނެލިއެވެ. ކޮން ވާހަަކައެއްތޯ އަހާލުމުން އެއީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ނުޒޫ ތައްޔާރުކޮށްފައިވާ ރެސިޕީތަކެއްގެ ވާހަކަ ކަމަށް ބުނެލިއެވެ.

  • މިރެސިޕީތައް ބޭނުންވާނަމަ https://www.facebook.com/media/set/?set=a.625145014605691&type=3

މި މަސައްކަތް އިތުރަށް ފުޅާވިޔަސް، ކައިރިޔަށް އިތުރު މީހުންތަކެއް ލައިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ނުޒޫގެ ނެތެވެ.

"މި މަސައްކަތުގައި އެއްވެސް އެހީތެރިއެއް ނުގެންގުޅެން.. އަދި މުސްތަގުބަލުގައިވެސް އިތުރު މީހަކު ނޫނީ ބަޔަކު ގޮވައިގެން މި މަސައްކަތް ކުރާކަށްވެސް ނުވިސްނަން.. ސަބަބަކީ މިއީ ވަރަށް ތުއްތު ފުރާނަތަކަކާ ގުޅޭ ކަމަކަށްވެފަ، މި ކަމުގައި ނުޒޫއަށް ދެވަނަ މީހަކަށް އިތުބާރު ނުކުރެވޭނެތީ... މި ކަމުގަ އެހެން މީހަކު ބައިވެރިކުރުމަކީ ނުޒޫގެ ދަރީން ބަލަން އެހެން ބަޔަކާ ހަވާލުކުރުންފަދަ ކަމެއް.. އެކަމުގަ މީހުންނަށް އިތުބާރު ނުކުރެވޭފަދައިން މިކަމުގަވެސް އިތުބާރެއް ނުކުރެވޭނެ.. މިއީ ނުޒޫގެ 5 ވަނަ ދަރިފުޅުގެ ގޮތުގައި ބަލައި، އެ ކަހަލަ ކުލުނަކާއި އިހުސާސެއް އޮންނަކަމެއް.. ހަމަ އެހާ ލޯބިވޭ... އެހެންވީމަ ނުޒޫއަށް އަމިއްލައަށް މިކަންވާނެ މިންވަރަށް ކުރާނީ.. މިހާރުވެސް އެ މިންވަރަށް އޯރޑާސްވެސް މި ނަގަމުންދަނީ ..الحمد لله .."

މިއީ ހިތްވަރުގަދަ ދިވެހި އަންހެންދަރިއެކެވެ. ހަތަރު ކުދިންގެ ލޯބިވާ، 4 ދަރިން ތަރުތީބުން ތަރުބިއްޔަތު ކުރުމުގައި ރެއާއި ދުވާލު ނުހަނު ބުރަކޮށް މަސައްކަތް ކުރުމާއެކުވެސް، މުޖުތަމައަށް ބޭނުން ހިފޭ ކަހަލަ، ހޭލުންތެރި ކުރުވުމުގެ ތަފާތު ލިޔުންތައް ލިޔެ ހުށަހެޅުންފަދަ ކަންތައް ކުރުމާއެކު، ނުޒޫ ކުރާ މިމަސައްކަތަކީ އެތައް މަންމައަކަށް ނުހަނު މުހިންމު، ބޭނުން ހިފޭފަދައަކުން ފޯރުކޮށްދޭ ހިދުމަތެކެވެ. މިފަދަ ދަރިންނަށް ގައުމު ވަނީ ބޭނުންވެފައެވެ. ހަމަގައިމުވެސް، ނުޒޫގެ ސަބަބުން ރާއްޖެއިން ބޭރުގެ ބަޔަކަށް ދިއްކޮށްލަން ޖެހޭ އެތައް ފައިސާއެއް، އެއަށްވުރެ މަދުން، ގައުމުގެ ތެރެއަށް ދިއްކޮށްލެވެއެވެ.

"ވަން"އިން އެދެނީ ނުޒޫއަށް އިތުރު ކާމިޔާބެވެ.