ޚަބަރު

ޔާމީންގެ ސަރުކާރުން ވަކިކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި 6.8 މިލިއަން ރުފިޔާ ވަނީ ދީފަ: އޭޖީ

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ވަޒީފާތަކުން ވަކިކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި 6.8 މިލިއަން ރުފިޔާ މި ސަރުކާރުން ދީފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އޭޖީ ރިފްއަތު މިހެން ވިދާޅުވީ، ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ކަަވަރު ކުރުމާބެހޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހަޅާފައިވާ، "ހުދު ކަރުދާސް" ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ކުރަމުންދާ މަސައްކަތްތަަކަށް ބޭނުންވާ މައުލޫމާތު އޮޅުންފިލުވުމަށް އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މައުލޫމާތު ދެއްވަމުންނެވެ.

ރިފްއަތު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވޭތުވެދިޔަ އެކިއެކި ސަރުކާރުތަކުން އަމަލު ކޮށްފައިވާ ގޮތްތަކުގެ ސަބަބުން ގެއްލުމުގެ ބަދަލުހޯދުމަށް ވަރަށް ގިނަ ފަރާތްތަކުނުް ޝަކުވާ ހުށަހެޅި ކަމަށެވެ.

އެ ޝަކުވާތަަކަށް ހައްލު ހޯއްދެވުމަށް 27 ޖެނުއަރީ 2019ގައި ރައީސުލްޖުމްޙޫރިއްޔާއަށް ލަފާދޭ ކޮމިޓީއެއް އުފެއްދެވި ކަމަށާއި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އޭޖީ އޮފީހާއި ރައީސް އޮފީހާއި އިކޮނޮމިކް މިނިސްޓްރީއާއި އެ މައްސަލައަކާ ގުޅޭ ލައިން މިނިސްޓްރީގެ ބޭފުޅުން ކަމަށް ވިދާޅުވިއެވެ.

އެ ކޮމިޓީއަށް 37 މައްސަލަ ހުށަހެޅުނު ކަމަށާއި އޭގެތެރޭގައި އެންމެ ގިނަ އަދަދަކަށް ހުށަހެޅުނީ ނުހައްގުން ވަޒީފާއިން ވަކިކޮށްގެން ބަދަލުހޯދަން ހުށަހެޅި މައްސަލަތައް ކަމަށާއި އެފަދަ މައްސަލަތަކުގައި މިހާތަނަށް 6.8 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދީފައިވާ ކަމަށް އޭޖީ ވިދާޅުވިއެވެ.

އޭޖީ ފާހަކަކުރި ވަޒީފާއިން ވަކި ކުރި މައްސަލަތައް:

  • ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި މެންބަރުން ވަކިކުރުމުގެ ދެ މައްސަލަ
  • މޯލްޑިވްސް ޑިފެންސް ފޯސްއިން ތިން މީހަކު ވަކިކުރި މައްސަލަ
  • މޯލްޑީވްސް ޕޮލިސް ސާވިސްއިން ހަތް މީހަކު ވަކިކުރި މައްސަލަ
  • މޯލްޑީވްސް ކަރެކްޝަނަލް ސާވިސްއިން އެކަކު ވަކި ކުރި މައްސަލަ
  • ޓެކްސް އެޕީލް ޓްރައިބިއުނަލުން އެކަކު ވަކިކުރި މައްސަލަ
  • ކާޑެއްދޫ އެއާޕޯޓުގެ ފަސް މުވައްޒަފުން ވަކިކުރި މައްސަލަ

"ވަޒީފާގެ މައްސަލަތަކުގައި ކޯޓުން ބޭރުން ހައްލު ހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރެވި ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި ވަޒީފާއާބެހޭ މިދެންނެވި މައްސަލަތައް ވަނީ ނިމިފައި. އެގޮތުން ހަ މިލިއަން އަށް ލައްކަ ފަސްހާސް ތިރީސްހަ ރުފިޔާ އަށްޑީހަ ލާރި މި ދެންނެވި މައްސަލަތަކުގައި އެ ފަރާތްތަކާ ހަވާލު ކުރެވިފައިވާކަން ފާހަގަކުރަން،" އޭޖީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަދަލު ދިނުމުގެ މައްސަލަތަކުގައި އުފެއްދެވި ސެޓްލްމަންޓް ކޮމިޓީ 15 ސެޕްތެމްބަރު 2020ގައި އުވާލައްވާފައިވާ ކަމަށެވެ.