ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތު ކުރި މައްސަލައަކާ ގުޅިގެން "ޑިމެންޝަން" ނަމަކަށް ކިޔާ ސަފާރީއެއް ފުލުހުން ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ބަނގުރާ ފުޅިތައް އަނބުރާ އެ ފަރާތާ ހަވާލު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރި މައްސަލަ އަލުން ބަލަން ހައިކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައިގައި އެ ބަނގުރާ ފުޅިތައް ހަވާލު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރީ އެ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގާނޫނާ ހިލާފަށްކަމަށް ވާތީ އާއި އެކަމުގެ ސަބަބުން ސަފާރީން ކުރަމުންދާ ވިޔަފާރިއަށް ގެއްލުންވަމުންދާ ކަމަށް ބަޔާންކޮށް އެފުޅިތައް ހޯދުމަށް އެދި ގ. ހިލްމަން އިބްރާހީމް ހުޝާންގެ ފަރާތުން ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ކުރިމިނަލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލް ކޮށްފައެވެ.
ނަމަވެސް އެނިންމުން ހުޝާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު، ކުރިމިނަލް ކޯޓުން ކުރި އަމުރާއި ހައިކޯޓުން ނިންމި ނިންމުން ބާތިލްކޮށް، އެ ބަނގުރަލުގެ ވެރިފަރާތަކީ ކޮބައިކަން ކަށަވަރުކޮށް، އެމައްސަލައިގައި ކަނޑައެޅިފައިވާ ގާނޫނީ އުސޫލުތަކުގެ ތަރަހައިގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށްޓަކައި އެމައްސަލަ ހައިކޯޓަށް ތަހުވީލްކުރިއެވެ.
އެކަމާ ގުޅިގެން އެ މައްސަލަ ދެވަނަ ފަހަރަށް ހައިކޯޓުގައި ބެލުމަށްފަހު، އެ މައްސަލަ އަލުން ބެލުމަށްފަހު ގޮތެއް ކަނޑައެޅުމަށް ހައިކޯޓުންވެސް އެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވުމަށް އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު