ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓްގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ މުހައްމަދު އާބިދު (26އ)ގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، އެ މައްސަލަ ފުލުހުން އެ އޮފީހަށް ފޮނުވާފައިވަނީ އިއްޔެ ކަމަށެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި މި ހަފުތާ ތެރޭގައި އާބިދުއަށް ދައުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ހާންޖީ ރެސްޓޯރެންޓުގައި އޭޕްރީލް 16 ވަނަ ދުވަހު ހިންގި މާރާމާރީއެއްގެ ތެރެއިން މަރާލާފައިވަނީ އެ ރެސްޓޯރެންޓުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝްގެ އެމްޑީ ޝާހިން، 29އ އެވެ.
އެހާދިސާއަށް ފަހު ފިލައިގެން އުޅެނިކޮށް އާބިދު ހައްޔަރުކުރި އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފޭސްއިންނެވެ. އެފަހަރު އޭނާގެ ބަންދާއިމެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަސް ޖަހައިދީފައެވެ. އެ މުއްދަތު ހަމަވާތީ އޭނާ ކުރިމިނަލް ކޯޓުން ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ހާޒިރުކޮށްފައެވެ.
އާބިދު އެންމެފަހުން ކޯޓަށް ހާޒިރު ކޮށްފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ. އަދި ވަނީ އާބިދުގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްދޭން ވެސް ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު