މެންޗެސްޓާ ސިޓީ

ސިޓީން ހާލަންޑު އިއުލާން ކުރީ ތަފާތު ގޮތަކަށް!

ތަފާތު ސްޓައިލެއްގެ، ޝައުގުވެރި އެނައުންސްމަންޓަކާއެކު މެންޗެސްޓާ ސިޓީން ނޯވޭގެ ފޯވަޑް އާލިން ހާލަންޑު ކްލަބާ ގުޅުނުކަން އިއުލާން ކޮށްފިއެވެ.

ސިޓީން ހާލަންޑް އެ ކްލަބާ ގުޅުނުކަން މިއަދު އިއުލާންކުރީ ތަފާތު ވީޑިއޯ ކޮޅެއްގެ އެހީގައެވެ. ހާލަންޑުގެ ބައްޕަ، އެލްފީ ހާލަންޑަކީ ކުރިން ސިޓީއަށް ކުޅެ، ޓީމުގެ ކެޕްޓަންކަންވެސް ކުރި ކުޅުންތެރިއަކަށްވީ އިރު، އޭނާގެ ބައްޕައާ އެކު ސިޓީއަށް ގޮސް، އެ ކްލަބުގެ ޖާޒީގައި ސޯފާއެއްގައި އިނދެ ހާލަންޑް ނަގާފައިވާ ފޮޓޯއެއް ވީޑިއޯގައި ފެނެއެވެ. ސިޓީން ހާލަންޑް ރަސްމީކޮށް އިއުލާންކުރީ އެ ފޮޓޯ ނަގާފައިވާ ގޮނޑި ކަހަލަ ގޮނޑިއެއްގައި ހާލަންޑު އިންނަ ވީޑިއޯއަކުންނެވެ.

ޑޯޓުމަންޑަށް ކުޅެމުން ދިޔަ ހާލަންޑް ސިޓީއަށް ދިޔައީ 51.2 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށެވެ. އެއީ ހާލަންޑުގެ ރިލީސް ފީއެވެ. އުމުރުން 21 އަހަރުގައި ހާލަންޑަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި ސެންޓަ ފޯވަޑެވެ. އޭނާ ވަނީ ޖަރުމަނު ލީގުގެ ޑޯޓުމަންޑަށް ކުޅުނު 89 މެޗުން 86 ގޯލު ޖަހައިފައެވެ. ހާލަންޑް ސިޓީއާއެކު ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

"މިއީ އަހަންނާއި އާއިލާއަށްވެސް ފަހުރުވެރި ދުވަހެއް. އަހަރެން މިދިޔަ ސީޒަންތަކުގައި ސިޓީގެ ކުޅުން ބަލަމުން ދިޔައީ. އެ ކުޅުމަށް ތައުރީފުވެސް ކުރަން. އަހަންނަށް ސިޓީ ފިޓްވާނެ. އަހަންނަކީ ސިޓީގައި ދިރިއުޅުނު މީހެއް. ޒަމާނުއްސުރު އަހަންނަކީ ސިޓީގެ ސަޕޯޓަރެއް،" ސިޓީއަށް ސޮއިކޮށް، ހާލަންޑް ބުންޏެވެ.

ހާލަންޑް ބައްޕަ ސިޓީއަށް ކުޅެފައި ވަނީ 2000 ވަނަ އަހަރުން 2003 ވަނަ އަހަރާ ހަމައަށެވެ. ހާލަންޑް އުފަންވެފައި ވަނީވެސް 2000 ވަނަ އަހަރުއެވެ. އެހެންކަމުން އޭނާގެ އެންމެ ޅަ އުމުރު ހޭދަކުރީ ސިޓީގައެވެ.

ހާލަންޑް އިތުރަށް ބުނީ ސިޓީއަށް ގިނަ ގޯލުތަކެއް ޖަހައި، އެ ކްލަބާއެކު ވީ އެންމެ ގިނަ ތަށިތަކެއް ހޯދަން މަސައްކަތް ކުރާނެ ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށެވެ.

ހާލަންޑުގެ ސޮއި ހޯދުމާއެކު ސިޓީން ފޯވަޑެއް ގެންދަން ކުރަމުން ދިޔަ މަސައްކަތަށް ވަނީ ކާމިޔާބީ ހާސިލުކުރެވިފައެވެ. ކްލަބުގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ސާޖިއޯ އަގުއެރޯ ދިޔަތަން ފޫބައްދަން ސިޓީން އެކިއެކި ގޮތްގޮތުން މިދިޔަ ސީޒަންގައިވެސް މަސައްކަތް ކޮށްފައިވާ އިރު، ހެރީ ކޭން ގެންދަންވެސް އެ ކްލަބުން ބުރަކޮށް މަސައްކަތް ކޮށްފައިވެއެވެ.

ހާލަންޑުގެ ކެރިއަރުގައި ޑޯޓުމަންޑުގެ ކުރިން ކުޅެފައި ވަނީ މޯލްޑޭ އާއި ރެޑްބުލް ސާލްސްބާގަކަށެވެ. ޗެމްޕިއަންސް ލީގުގައިވެސް 20 ގޯލު ހަމަކޮށްފައިވާ ހާލަންޑަކީ އެ މުބާރާތުގެ ތާރީހުގައިވެސް އެންމެ ހަގު އުމުރެއްގައި 20 ގޯލު ހަމަކުރި ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށް 21 ގޯލު ޖަހައިފައިވާ ހާލަންޑް، އެގައުމުގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވުމަށް މިހާރު ބޭނުންވަނީ 14 ގޯލެވެ.