ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މަޖިލީހަށް އެބިލް ހުށަހެޅުއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.
އުޝާމް އެބިލް ހުށަހަޅުއްވައިދެއްވަމުން މިއަދު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި 3،000 މެންބަރުން ހަމަނުވިޔަސް ޕާޓީތައް އުވާ ނުލެވޭ ގޮތަށް ހެދުމަށް ވެސް އުޝާމް ވަނީ ހުށަހަޅުއްވައިފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓުގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހޭނެ ކަމަށެވެ. އެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް އެ ފައިސާ ލިބޭނީ އީސީގެ ދަފްތަރުގައި 10،000 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ ޕާޓީތަކަށް އެކަންޏެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ވަނީ ސިޔާސީ ޕާޓީތަކަށް ޖުމުލަ 30.2 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
އުޝާމް މަޖިލީހަށް ހުށަހެޅުއްވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް އޮންނަ މާއްދާ އުވައިލުމަށެވެ. އުޝާމް ވިދާޅުވީ، އެ މާއްދާ އުވާލުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
އުޝާމް ހުށަހެޅުއްވި އެބިލާ ގުޅިގެން މިއަދު އެމްއެންޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ އިސްލާހުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ދަފުތަރު ބައިނަލްއަގުވާމީ ލެވެލްގައި ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ބެލެހެއްޓި، ދައުލަތުގެ ބަޖެޓަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު އެމްއެންޕީގެ ނައިބު ރައީސް، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެފައިވަނީ އެޕާޓީގެ ފަރާތުން ސިޔާސީ ޕާޓީތަކައް ފައިސާ ދިނުން މަނާކުރާ ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީތަކުން ވަގުފޯމު ހުށަހަޅައިގެން މެމްބަރުން އިތުރުކުރަމުން ދަނީ ދައުލަތުން ޕާޓީތަކަށް ފައިސާ ދޭތީ ކަމަށެވެ. އަދި އެގޮތަށް އެފައިސާ ދެމުންދާނަމަ ވަގުފޯމު ހުށަހެޅުން ނުހުއްޓުވޭނެ ކަމަށާއި އެހެންކަމުން ސިޔާސީ ޕާޓީތަކައް ފައިސާ ދިނުން މަނާކުރަން ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.
މޭމަހުގެ 23 ވަނަ ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ނައިބު ރައީސް އާދަމް ޝަރީފް ވަނީ އާންމުންނަށް ނޭނގި ޕާޓީ ބަދަލުވާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން މަޖިލީހަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ މައްސަލައަށް ބަހުސް ނުކޮށް ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.