ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކުރަމުންދާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފު މައްސަލަ އެ ކޯޓުން ބަލައި ނުގަތުމަށް ނިންމައިފިއެވެ.
މި މައްސަލައިގައި ރިޝްވަތު ބޭނުން ކުރުމުގެ ދައުވާ ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ކުރެއެވެ. ކުރިމިނަލް ކޯޓުގައި މި ދެ މައްސަލަ ކުރިއަށް ގެންދަނީ އެކުއެކީގައެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައި ވަނީ، އެމަނިކުފާނުގެ ފަރާތްޕުޅުން ކުރިމިނަލް ކޯޓަށް ހުށަހެޅުއްވި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ކުރިމިނަލް ކޯޓުން ބޭރުކޮށްލަން ނިންމި މައްސަލައެވެ.
ހައިކޯޓުގެ ރަޖިސްޓްރީގައި މިއަދު ބުނެފައިވަނީ ރައީސް ޔާމީން އިސްތިއުނާފް ކުރި މައްސަލަ ބަލައިނުގަންނަން ނިންމެވީ އެ ކޯޓުގެ ރަޖިސްޓްރާގެ ނިންމެވުމެއްގެ ގޮތުގައި ކަމަށެވެ.
އާރަށު މައްސަލައާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް، މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ހުށަޅާފައިވާތީ، އެ ހުށަހެޅުންތައް ބަލައިނުގަންނަން ކުރިމިނަލް ކޯޓުން ނިންމީ ހުސްވި މެއި މަހުގެ 22 ގައެވެ.
އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ޝަރީއަތުން ދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ މުއްދަތު އޭޕްރީލް 27 ވަނަ ދުވަހަށް ހަމަވި އިރު ދައުލަތުންވެސް އަދި އެ މައްސަލަ ރައްދުވާ ރައީސް ޔާމީންގެ ފަރާތުންވެސް އެއްވެސް ހުށަހެޅުމެއް ހުށަހަޅައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު